22 Jan 2018, 10:14
ފާއިތުވި ތިން އަހަރު މައްޗަށް ނުދާހާ ވަރަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް ގޮސްފައި ވީނަމަވެސް މި އަގުތައް ވަރަށް އަވަހަށް ދަށަށް ދާނެ ކަމަށް މާހިރުން ލަފާކޮށްފިއެވެ.
މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން، 2016 ވަނަ އަހަރުގެ ފެބްރުއަކީ މަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 27.30 ޑޮލަރު ގައެވެ. މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ ހަފްތާގައި 70 ޑޮލަރަށް މައްޗަށް ގޮސްފައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތެލުގެ އަގު މައްޗަށްގޮސް، އެއްވަރެއްގައި ހިފެހެއްޓުމަކީ ވާނެ ކަމެއް ނޫނެވެ.
އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ބުނީ އެމެރިކާ، ކެނެޑާ އަދި ބްރެޒިލްގައި ތެޔޮ އުފައްދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އޯޕެކްގެ ގައުމުތަކާ އަޅާބަލާއިރު އެގައުމުތަކުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު އިތުރު ކަމަށްވެސް އެ އެޖެންސީއިން ބުނެއެވެ.
ތެލުގެ ސަޕްލައި-ޑިމާންޑަށް ބަލައި، ތެޔޮ އުފައްދާ މިންވަރު ބެލެންސް ކުރުމަށް އޯޕެކްގެ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. ތެޔޮ އުފައްދާ މިންވަރަށާއި ޑިމާންޑަށް ބަލާއިރު 60 ޑޮލަރަށް ވުރެ މައްޗަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އަރައިގެން ގޮސްދާނެކަމަށް ނުބެލެވޭ ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ސީއެންބީސީ