22 Jan 2018, 09:46
މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ޗެލްސީއަށް އިތުރު ފޯވާޑެއް ގެންނަން ކޮންމެހެން ބޭނުން ނުވާކަމަށް އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބުނެފިއެވެ.
މި ޓްރާންސްފާ ސީޒަންގައި ޗެލްސީންވަނީ އެޓީމުގެ ފޯވާޑްލައިން ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކަކަށް ލޯ އަޅާފައެވެ. އޭގެ ތެރޭގައި ސްޓޯކްގެ ޕީޓާ ކްރޮޗާއި ވެސްޓްހަމްގެ އެންޑީ ކެރޮލް އަދި ރޯމާގެ އެޑިން ޒެކޯ ހިމެނެއެވެ.
ހަޒާޑް ބުނެފައިވަނީ ޗެލްސީގައި މިހާރު ތިބި ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އިތުރު ފޯވާޑެއްވެސް ޓީމަށް ބޭނުން ނުވާ ކަމަށެވެ. ޗެލްސީގެ ކުރިއަށް އާއްމުކޮށް ކުޅޭ އަލްވާރޯ މޮރާޓާ އަނިޔާގެ ސަބަބުން އެންމެފަހުން މެޗުގައި ކުޅެފައިނުވާއިރު، އޭނާގެ ބަދަލުގައި އެންމެފަހުން މެޗުގައި ފެނިފައިވަނީ މިޗީ ބަޓްޝުއާއީއެވެ.
ހަޒާޑް ބުނެފައިވަނީ މިހާރު ޗެލްސީގެ ކުރިއަށް ކުޅޭ މޮރާޓާ އަދި ބަޓްޝުއާއީއަކީވެސް މޮޅު ދެ ފޯވާޑް ކަމަށެވެ. އެ ދެ ކުޅުންތެރިންވެސް ނުކުޅޭ ހާލަތެއްގައި އޭނާ އަމިއްލައަށް ޗެލްސީގެ ކުރިއަށް ކުޅޭނެ ކަމަށްވެސް ހަޒާޑް ބުންޏެވެ.
ޕްރިމިއާ ލީގުގައި ކުޅުމަކީ ވަރަށް ފަސޭހަ ވިސްނުމެއް ކަމަށާއި، އެ ވިސްނުމަކީ ބޯޅަ ތިރިކޮށް ޕާސް ކުރުން ކަމަށް ހަޒާޑްވަނީ ބުނެފައެވެ. އަދި ޗެލްސީއަށް ގޯލް ޖަހަން ލިބޭ ފުރުސަތުތަކެއް ގެއްލުމުން ގިނަ ބަޔަކު އިތުރު ފޯވާޑެއް ބޭނުން ކަމަށް ބުނަމުންދިޔަ ނަމަވެސް، ގޯލް ޖަހާ މެޗެއްގައި ޗެލްސީގެ އެޓޭކްއަކީ އެންމެ ވަރުގަދަ އެޓޭކް ކަމަށްވެސް ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ ޕްރިމިއާލީގުގައި އިސްކޮޅުން ކުރު ފޯވާޑުންވެސް ކާމިޔާބުކަމަށާއި، ސިޓީގެ ސާޖިއޯ އަގުއޭރޯއާ ގެބްރިއަލް ޖީސަސްވެސް ބޭނުންކުރަނީ އިސްކޮޅު ނޫން ކަމަށެވެ.
ދެހާސްބާރަ ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑްވަނީ ޗެލްސީއަށް 194 މެޗު ކުޅެދީ 65 ގޯލް ޖަހާފައެވެ. ޗެލްސީއާއެކު ދެ ފަހަރަށް ޕްރިމިއާލީގުގެ ތަށިވެސް އުފުލާލާފައިވާ ހަޒާޑްވަނީ އެޓީމާއެކު ޔޫރޮޕާ ލީގުވެސް އުފުލާލާފައެވެ.