ގިނަދުވަސްތަކެއް ނެގި ޓްރާންސްފާ ވާހަކަތަކަށް ނިމުންގެނެސް ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބާސެލޯނާ އާއި ގުޅުމަށް އެތައް ދުވަހެއް، މަހެއް އަދި އަހަރެއް އިންތިޒާރުކުރި ކަމަށް އޭނާ ބުނެފި އެވެ.

އާސެނަލް ދޫކޮށް ބާސެލޯނާއަށް ފަސްއަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރިއިރު އެހެން ކްލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާނަމަ 200 މިލިޔަން ޔޫރޯ ދައްކަންޖެހޭނެ އެވެ.

އާސެނަލްއަށް ހަ އަހަރު ޓްރޮފީ އެއް ނުލިބި ހޭދަކޮށްފައި ވާތީ މިވަގުތަކީ އުފަން ރަށު ކްލަބްކަމަށްވާ ބާސެލޯނާ އާއި ގުޅުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް މިދިޔަ ސީޒަނުން ފެށިގެން ފެބްރިގާސް ބުނަމުންދިޔަ އެވެ.

އުމުރުން 16 އަހަރުގައި ބާސެލޯނާގެ ޔޫތު ޓީމުން އާސެނަލް އަށް ގެނައި ފެބްރިގާސް މިފަހަރު ގުޅޭނި އެކްލަބުގެ ސީނައާ ޓީމާ އެވެ.

މިދިޔަ އާދީއްތަދުވަހު ބާސެލޯނާއިން ފެބްރިގާސްގެ އެއްބަސްވުން ތައްޔާރު ކޮށްފައިވާއިރު ހޯމަދުވަހު އޭނާ ވަނީ މެޑިކަލް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައެވެ.

"ހުރިހާ ޓެސްޓްތަކަކުން ފެބްރިގާސް ރަނގަޅު ކަމަށް ދައްކަނީ" ބާސެލޯނާ ޓީމުގެ ޑޮކްޓަރު ރިކާޑް ޕްރޫނާ ބުންޏެވެ.

"އަހަރެން މިވަގުތަށް އެތައް ދުވަސްތަކަކާއި، މަސްތަކަކާއި އަހަރުތަކެއް އިންތިޒާރު ކުރިން. މިއީ އަހަރެންނަށް ވަރަށް އުފާވެރި ދުވަހެއް. އަށް އަހަރުފަހުން އަމިއްލަ ރަށަށް އެނބުރިމިދަނީ. އަހަރެން ގަބޫލުކުރަން ކްލަބް ދޫކޮށް އަހަރެން ދިއުމުން ގިނަބަޔަކު ދެރަވިކަން. އެހެންނަމަވެސް އާހަޔާތުގެ ގޮންޖެމަކަށް އެނބުރި މިއައީ. ރަނގަޅު ހަނދާންތައް ދޫކޮށްދެވޭތޯ މަސައްކަތް ކުރާނަން." ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް އަށް ބާސާގެ ހަތަރު ނަމްބަރު ޖާޒީ ލިބިފައިވުމުން އުފާކުރާކަމަށާއި އެނަމްބަރުދޭނެ ކުޅުންތެރިޔާ ހޯދުމަށް ބަހުސްތަކެއް ކުރެވޭނެކަން އެނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
"ބާސާގެ ހަތަރު ނަމްބަރުދޭނީ ތިއާގޯ އަލްކެންޓަރާއަށްތޯ ނުވަތަ އަހަރެންނަށްތޯ ސުވާލުއުފެދި ބަހުސްތަކެއް ކުރެވޭނެކަން އެނގޭ. އަހަރެންނަށް މިނަމްބަރު ލިބުނީތީ ވަރަށް އުފާކުރަން." ފެބްރިގާސް ބުންޏެވެ.

ފެބްރިގާސްވަނީ އޭނާގެ ކުރީގެ ކޯޗް އާސެން ވެންގާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށް އޭނާއަށް ތަޢުރީފްގެ ބަސްތައްވެސް ރައްދުކޮށްފައެވެ.

"އަހަރެން ދުވަހަކުވެސް ކޯޗް ވެންގާމަތިން ހަނދާނެއްނުނެތޭނެ. އަހަރެން މިހާހިސާބަށް އައީ ވެންގާއާއިހެދި." ފެބްރިގާސް ބުންޏެވެ.