22 Jan 2018, 09:27
ސްޕެނިޝް ލަ ލީގާގައި ބާސެލޯނާއިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.
ރެއާލް ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބާސާގެ ލިއޮނަލް މެސީއާއި ލުއިސް ސުއަރޭޒްވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހާފައެވެ. ބާސާއަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އީވާން ރަކެޓިޗެވެ.

ރަކިޓިޗް ބާސާގެ ފުރަތަމަ ގޯލަށްފަހު ޓީމާއެކު އުފާފާޅުކުރަނީ --- ފޮޓޯ/އޭޕީ
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ބާސާއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ރެއާލް ބެޓިސްއިންވަނީ ބާސާއެކޭ ދާދި އެއްވަރަށް ހަމަލާ އުފައްދާފައެވެ.
ބާސާއިން މެޗު ޑޮމިނޭޓްކުރީ ދެވަނަ ހާފްގައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ބާސާއަށް ގޯލް ހުޅުވާލަދިނީ ރަކިޓިޗެވެ. 64 ވަނަ މިނެޓުގައި މެސީގެ ގޯލާއެކު ބާސާއިން ލީޑު ފުޅާކުރިއެވެ.

ލުއިސް ސުއަރޭޒް ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/އޭޕީ
ދެ ގޯލްގެ ލީޑަށްފަހު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މެދުތެރެއިން ގިނަ ޕާސްތަކެއް ޖަހަމުންދިޔަ ބާސާއިންވަނީ 69 ވަނަ މިނިޓްގައި ސުއަރޭޒްގެ ގޯލާއެކު ނަތީޖާ 3-0 އަކަށް ބަދަލުކޮށްލާފައެވެ. މެސީގެ ދެވަނަ ގޯލް މެޗުގެ 80 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، މެޗުގެ 89 ވަނަ މިނެޓުގައި ސުއަރޭޒްވަނީ އިތުރު ގޯލަކާއެކު ލަލީގާގައި އޭނާ ޖެހި 100 ވަނަ ގޯލް ޖަހާފައެވެ.
ރޭގެ މެޗުގައި ދެ ގޯލް ޖެހި މެސީއަކީ މިވަގުތު ލަ ލީގާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ ކުޅުނު 20 މެޗުން 19 ގޯލް ޖަހާފައެވެ.
ރޭގެ މެޗުން މޮޅުވެ ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ކުޅުނު 20 މެޗުން 54 ޕޮއިންޓާއެކު 11 ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އޮތީ 43 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑެވެ. ބާސާއާ އެންމެ ވާދަވެރި ރެއާލްވެސްވަނީ ރޭ ކުޅުނު މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ.