މިދިޔަ 2017 ވަނަ އަހަރަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އައި އަހަރެއް ނަމަވެސް އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާއަތް މިދިޔަ އަހަރު ދަށަށް ގޮސްފައިވާކަމަށް އެގައުމުގެ ހަބަރުތައް ބުނެފިއެވެ.

ސީއެންބީސީ އިން ބުނާގޮތުން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ބޮޑަށް ކުރި އެރީ މިދިޔަ 2017 ވަނަ އަހަރުއެވެ. ނަމަވެސް 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިންޓަނޭޝަނަލް ރެސެޝަން އަށް ފަހު އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ދަށަށް ދިޔައީ މިދިޔަ އަހަރު ކަމަށް ވެސް ސީއެންބީސީ އިން ރިޕޯޓުކުރެއެވެ.

ހުސްވި އަހަރުގެ ފުރަތަމަ ހަތް މަހަށް ބަލާއިރު އެމެރިކާއަށް ޒިޔާރަތް ކޮށްފައިވަނީ 41 މިލިއަން ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ހަރަތު ޕަސެންޓުގެ ވެއްޓުމެކެވެ.

އެމެރިކާއަށް ޒިޔާރަތް ކުރާ ބައިނަލްއަގުވާމީ ފަތުރުވެރިންނަކީ އެގައުމުގެ ރައްޔިތުން ގައުމުގައި ޗުއްޓީ ހޭދަކުރާއިރު އަތުން ހޭދަކުރާ މިންވަރަށްވުރެ ގިނައިން ހޭދަކުރާ ބައެކެވެ. އެހެންކަމުން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށަށް ދިއުމާއެކު އެމެރިކާގެ ރީޓެއިލް ވިޔަފާރިތަކަށްވެސް އޭގެ އަސަރު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާއަތް ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ރީޓެއިލް ވިޔަފާރިވެރިން ގުޅިގެން ވަނީ އިއްތިހާދެއް އެކުލަވާލައިފައެވެ. އެ އިއްތިހާދުން ވަނީ ސަރުކާރުގެ އެހީ އެކަމުގައި ހޯދުމަށް ނިންމައިފައެވެ.

އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަނުގެ ސީއީއޯ ކެތްރީން ލުގާ ވިދާޅުވީ ފަތުރުވެރިން މަދުވުމަކީ އެގައުމުގެ ޓުއަރިސްޓު ހޮޓާތަކާއި، ޓުއަރިސްޓުންނަށް ހާއްސަ ރެސްޓޯރެންޓުރަކަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އަސަރުކޮށް މުޅި އިގްތިސާދަށް އޭގެ އުނދަގޫ ޖެހޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނާގޮތުން ޓްރަމްޕް ސަރުކާރުގެ ފަރާތުން އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެއްބާރުލުމެއް ނުލިބެއެވެ. އެހެން ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގޮސް މާކެޓްގައި ވާދަވެރިކަން ބޮޑުވުމަކީވެސް އެމެރިކާއަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަން ގަބޫލު ކުރާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.