22 Jan 2018, 01:52
އިއްޔެ ވެސް މިއަދުވެސް އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ އިނދަޖައްސާލަން މަސައްކަތް ކުރުން ކަމަށް ޕީޕީއެމްެގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެހަތަރު ރިސޯޓެއްގައި ކަސްޓަމްސް އިން ހިންގަމުންދާ އޮޕަރޭޝަނަކީ ފަތުރުވެރިކަން އިނދަ ޖައްސާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ މައްސަލާއާ ގުޅިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި މުބީން ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ އިނދަ ޖެއްސުމަށް މަސައްކަތް ކުރާނަމަ ރެކޯޑް އަދަދަކަށް މިވެރިކަމުގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތް ނުކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުބީން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ރާއްޖެއިން ބޭރުގައި ގޮވާލީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި ދިވެހީންނަށް އެ ހަނދާންތަކާ ދުރަށް ނުދެވޭނެކަމަށެވެ.
"ހަގީގަތް ވަރަށް ސާފު. އެންމެ ފުރަތަމަ މި ބޭފުޅުން މިކުރެއްވި މަސައްކަތަކީ ދިވެހި ސަރުކާރަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުން އޮންނަ ސަރުކާރެއްގެ ގޮތުގައި ދެއްކުން. އެކަން ކާމިޔާބު ނުވީމަ ދެން ގޮވާލީ ޓުއަރިޒަމް ބޮއިކޮޓް ކުރަން. ނަމަވެސް އެ ހުރިހާ ގޮންޖެހުމަކާއި އެކުވެސް މި ސަރުކާރުން ރެކޯޑް އަދަދަކަށް ފަތުރުވެރިން ވާނީ ރާއްޖެ ގެނެސްފައި،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސް އިން އަރައިގެން ހިންގާ އޮޕަރޭޝަންގައި ގާނޫނާ ޚިލާފަށް ކުރި އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައިނުވާ ކަމަށެވެ.
އެ ރިސޯޓަށް ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން އަރާފައި ވަނީ ފަތުރުވެރިންނަށް އެއްވެސް ހިލަމެއް ނުވާނެ ގޮތަށް ކަމަށާއި ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެނީ އިދިކޮޅު ފަރާތްތަކުން ރިސޯޓުތަކުގައި މުޒާހަރާ ކުރުމުންދާތީ ކަމަށް މުބީން ވިދާޅުވިއެވެ.
"މިފަހަރު ޓޫރިޒަމް ބޮއިކޮޓް ކުރުމުގައި ނިވައިފަތްގަނޑަކަށް އެ ހެދީ ގާސިމް އިބްރާހިމް އާއި އޭނާގެ ރިސޯޓުތައް. ރިސޯޓުތަކުގެ މުވައްޒަފުން އަނދިރީގައި ބައިތިއްބައިގެން އެމީހުން ގާނޫނީގޮޅިތަކަށް ފައްތަމުން އެދަނީ،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް މަސައްކަތް ކުރައްވާފައިވާ މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ފަންތި އެއް އަދި ގިންތިއެއްގެ ބޭފުޅެއްވިޔަސް ގާނޫނަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. ގާނުނަކީ އެންމެންނަށް ހަމަހަމަ އެއްޗެއް ކަމަށާއި ގާސިމްގެ ރިސޯޓަކުން ވިޔަސް ގަވައިދާ ހިލާފު ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅަންޖެހޭ ކަމަށް މުބީން ވިދާޅުވިއެވެ.
"މިސަރުކާރުންް ދެކޭގޮތުގައި ގާސިމަކަސް، ކާސިމަކަސް ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭނެ. މިހާރު މިފެންނަނީ ޒަމާންވީ ހަސަދަވެރިކަން. އިދިކޮޅުގައި ތިބި ބަޔަކު ގާސިމް ވާވައްދައިގެން ކުރުވާ ކަމެއް އެއ.ީ ހަގީގަތަކީ، މިހާރު މިފެންނަ މަންޒަރަކީ ގާސިމްގެ ނަމުގައި ރައީސް ނަޝީދާއި އެމްޑީޕީން ޓުއަރިޒަމް ބޮއިކޮޓްކުރުމަށް ކުރަމުންދިޔަ މަސައްކަތް ތަންފީޒު ކުރަން މަސައްކަތް ކުރަމުންދާތަން،" މުބީން ވިދާޅުވިއެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ސާފު އިބާރާތުން ލިޔެފައި އޮންނަގުތުގައި ޓޫރިސްޓް ރިސޯޓުތަކަކީ އެއްވެއުޅުން މަނާތަކެއް ކަމަށާއި އެހެންކަމުން ރިސޯޓުތަކުގައި މުޒާހަރާ ނުކުރުމަށް އޭނާ ވަނީ މުވައްޒަފުންނަށް ގޮވާލައްވައިފައެވެ.
"އެނގިގެން ވެސް އަދި ނޭނގިވެސް ރިސޯޓުތަކުގައި މިހާރު ފަށައިގެން ދޭތެރެއިން އެކުރާ މުޒާހަރާތަކުން ގެއްލުންވަނީ މުޒާހަރާ ކުރާ ބަޔަކަށް. އެއިން މީހަކު ޖަލަށްލިޔަސް އެކަންކަން ރާވާ މީހުން ތިބޭނީ ރާއްޖެއިން ބޭރުގައި އަރާމާއި އުފަލުގައި،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ ގާސިމް އިބްރާހިމަށް ހެޔޮ އެދިގެން ނޫން ކަމަށާއި ބޭނުމަކީ ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށްލުން ކަމަށެވެ. ނަމަވެސް އެ ފުރުސަތު އަދުގެ ސަރުކާރުން ނުދޭނެ ކަމަށާއި ރައްޔިތުންނަށް ލިބެން ޖެހޭ ފައިސާ ސަރުކާރުން ހޯދައިދޭނެ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
"މިއުޅެނީ ގާސިމް އިބްރާހިމަށް ހެޔޮއެދިގެނެއް ނޫން. ރައީސް މައުމޫން ވެސް، ރައީސް ނަޝީދުވެސް، ގާސިމް ހައްޔަރުކޮށް އެކިކަހަލަ ގެއްލުންތައް ގާސިމަށް ވަނީ ދީފައި. ތާރީޚު އެކަމަށް ހެކިވާނެ،" މުބީން ވިދާޅުވިއެވެ.