16 Aug 2011, 14:14
ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ، ޓީޖީއެސްޓީ، 10 ޕަސެންޓަށް އިތުރުކުރުމަށް ނިންމި ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީގެ އެދުމުގެ މަތިން އެ އަދަދު އަށް ޕަސެންޓަށް އިތުރު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ޓީޖީއެސްޓީ މިހާރު ނަގަނީ 3.5 ޕަސެންޓެވެ.
އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ މިއަދު ވިދާޅުވީ ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރިވެރިންނާ އެކު ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އިގުތިސޯދީ ބައެއް ބިލުތަކުން ވިޔަފާރިވެރިންނަށް ލުއިތަކެއް ދިނުމަށް ކަމަށެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ އެދުމުގެ މަތިން ޓީޖީއެސްޓީ އިތުރުކުރުމަށް ހުށަހަޅާފައި އޮތް މިންވަރަށް ދެ ޕަސެންޓްގެ ލުޔެއް ދިނުމަށް ނިންމާފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރި މަޝްވަރާތަކަށް ފަހު އެބޭފުޅުން ބޭނުންވަނީ އެ މިންވަރަށް ލުޔެއް ދޭން. އެހެންވެ އަޅުގަނޑު ނިންމީ ދެ ޕަސެންޓް ލުއިކޮށްލަން. އަޅުގަނޑުމެން މި އިސްލާހު ]ރައްޔިތުންގެ މަޖިލީހުގެ[ ކޮމެޓީގެ ސަމާލުކަމަށް ވެސް ގެންނާނަން. އެބޭފުޅުންނަށް ވެސް ލުއިތަކެއް ދީގެން އަޅުގަނޑުމެން ބޭނުން އިގުތިސޯދީ ބަދަލުތަށް ކާމިޔާބު އެއްޗަކަށް ހަދަން،" ރާޒީ ވިދާޅުވި އެވެ.
ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަނީ 3.5 ޕަސެންޓް ކަމުގައިވިޔަސް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އިސްލާހުގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ޓީޖީއެސްޓީ 10 ޕަސެންޓަށް އިތުރު ކުރުމަށެވެ.
ރޭ ބޭއްވި އިގުތިސޯދީ އިސްލާހުގެ ދަރުބާރުގައި ބަހާފައި ހުރި ލީފުލެޓްތަކުގައި ވެސް ލިޔެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގާނީ 10 ޕަސެންޓް ކަމަށެވެ. އެހެން އޮތް ކަމުގައިވީ ނަމަވެސް ހުލާސާ ޕްރެޒެންޓޭޝަންގައި ރާޒީ ވިދާޅުވީ 2013 ވަނަ އަހަރު ޓީޖީއެސްޓީ ނަގާނީ އަށް ޕަސެންޓް ކަމަށެވެ.
އިގުތިސޯދީ ބިލްތަކަށް ގެންނަ އެހެން އިސްލާހުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރާޒީ ވިދާޅުވީ ކެޕިޓަލް ހަރަދު ވިޔަފާރީގެ ފައިދާ އިން އުނިކުރެވޭ މިންވަރު އިތުރުކުރުމާއި ގެއްލުންތައް އުނިކުރެވޭ ވަރު އިތުރު ކުރުމާއި އަދި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައި ހިމެނޭ ބައިނަލްއަގުވާމީ މުއާމަލާތްތަކާ ގުޅޭ ގޮތުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް އަށް ލުޔެއް ދިނުން ވެސް ވިޔަފާރިވެރިންނާ އެކު އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުން ޓެކްސްގެ ނިޒާމަށް ގެންނަ އިސްލާހުތަކަށް މީގެ ކުރިން ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާވެރިން ދެކޮޅު ހެދި ނަމަވެސް ރޭގެ ދަރުބާރުގައި އެކަމަށް ތާއީދުކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިން ވަނީ ވާހަކަ ދައްކާފަ އެވެ.