ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން ރެއާލް މެޑްރިޑް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ޑިޕޯޓިވޯގެ މައްޗަށް ކުރި ހޯދާފައިވަނީ 7-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ރެއާލުން ރަނގަޅަށް ކުޅެމުންދަނިކޮށް، ޑިޕޯޓިވޯއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް ދިން ބޯޅައަކުން ޑިޕޯޓިވޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޑްރިއަންއެވެ.

ޑިޕޯޓިވޯއިން ލީޑު ހޯދުމާއެކު ރެއާލްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާޗޯއެވެ. އެ ލަނޑުގެ ކުރިން ވެސް ރެއާލުން ޑިޕޯޓިވޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެ ލަނޑުތައް ރެއާލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ބޭލްއާއި ލޫކާ މޮޑްރިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނާޗޯއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ވަނީ ރެއާލަށް ދެވަނަ ހާފުގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ލަލީގާގެ ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ވާދަވެރި ބާސެލޯނާއެވެ. ބާސާއާއި ތާވަލުގެ ހަތަރުވަނައިގައި އޮތް ރެއާލްއާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.