22 Jan 2018, 08:43
ލައިސަންސް ބާތިލުކޮށްފައި ވަނިކޮށް ވިލާ ގުރޫޕުގެ ހަތަރު ރިސޯޓަށް އެ ގުރޫޕުގެ އެހެން ރިސޯޓަކުން ވިޔަސް އަދި އެހެން ގުރޫޕެއްގެ ރިސޯޓަކުން ވިޔަސް ރާ ސަޕްލައި ކުރުމަކީ މަކަރާ ހީލަތް ހެދުން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ސިޔާސީ ލީޑަރެއް ވެގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އާޒިމާ ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުގެ ރިސޯޓުތަކުގައި ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
ގާނޫނާ އެއްގޮތަށް ދައްކަން ޖެހޭ ޖީއެސްޓީއާއި ގްރީން ޓެކްސްގެ ގޮތުގައި ވިލާގެ ހަތަރު ރިސޯޓުން ވޭތުވެދިޔަ 10 މަހަށް ދައްކަން ޖެހޭ 5.1 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އެ ވާހަކައަށް ބާރު ދެއްވަމުން އާޒިމާ ވިދާޅުވީ ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ލައިސަންސް ބާތިލުކުރި ބަޔަކަށް ލައިސަންސް އޮތް ބަޔަކު ތަކެތި ފޯރުކޮށްދިނުމަކީ "މަކަރާ ހީލަތް ހެދުން" ކަމަށެވެ.
"އެ ލައިސަންސް ބާތިލު ކުރީމަ، އެ ގުރޫޕުގެ ވިޔަސް އަދި އެހެން ގުރޫޕެއްގެ ވިޔަސް ލައިސަންސް އޮތް ބަޔަކު އެބަޔަކަށް ސަޕްލައި ކުރުމަކީ އެއީ ފްރޯޑް. އެއީ ފްރޯޑް ނޫން އެއްވެސް އެއްޗަކަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހެދޭނެ،" އާޒިމާ ވިދާޅުވި އެވެ.
އެކަހަލަ ހާލަތްތަކުގައި ސިޔާސީ މީހަކަށް ވީތީ ނުވަތަ ދޮރުން ވަދެގެން ގާނޫނާ ހިލާފުވާން ފުރުސަތު ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ.
ކަސްޓަމްސްއިން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް ކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ ހާއްސަ އިޖުރާއީ އުސޫލުތަކަށް ބަލާނަމަ އެ ހާލަތުގައި ކަސްޓަމްސްއިން ބަލަހައްޓާ ތަނަކީ ބޮންޑެޑް ވެއާ ހައުސް ކަމަށް ވާނަމަ ކަސްޓަމްސްގެ ގާނޫނާ ގަވާއިދު އެޕްލައި ވާނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް "ހިލާފެއް ހިޔާލު ތަފާތުވުމެއް ނެތް" ކަމަށް އާޒިމާ ވިދާޅުވިއެވެ.
"މީ ހަމަ ފްރޯޑްގެ މައްސަލައެއް. 5.2 މިލިއަން ޑޮލަރު ނުދައްކާ، އެކަމަކު ދިރިއުޅުން ނޯމަލް. ވިޔަފާރި ނޯމަލް. ރާއްޖޭގެ ގާނޫނުން މަނާކުރާ ކަމެއް މިއީ. ޖީއެސްޓީއާއި ގްރީން ޓެކްސްއާ ދައްކަން އެބަޖެހޭ ވިޔަފާރިކުރާ ބަޔަކުވެއްޖެއްޔާ،" އާޒިމާ ވިދާޅުވިއެވެ.
އެކަމަކީ ޖިނާއީ އަމަލަކަށް ނުވާ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
ވިލާގެ ހަތަރު ރިސޯޓުގައި ހުރި ރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގެންދިއުމާ ބެހޭގޮތުން އާޒިމާ ވިދާޅުވީ ގާނޫނާ ހިލާފު އަމަލެއް ހިންގާފައިވާ މުދަލެއް ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެވެ.
"މިހާލަތުގައި މިއީ ބޮންޑެޑް ވެއާ ހައުސްއެއްގައި ހުންނަން ޖެހޭ. ބޮންޑެޑް ވެއާ ހައުސްއަކުން އެހެންތާކަށް ނުގެންދެވޭނެ ނުވަތަ ގެންދަންޖެހޭ ތަން ނޫން އެހެން ތަނެއްގައި ހުރި މުދަލެއް ކަމަށް ވާނަމަ ފުލުހުންގެ ބެލުމުގެ ދަށަަށް ގެންދެވޭނެ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މިއަދު ވިލާ ގުރޫޕަށް ބެލި ނަމަވެސް އެ ގުރޫޕުން ނަގާފައިވާ އެކިއެކި ރަށްރަށަށް ދައްކަން ޖެހޭ ކުއްޔާއެކު 2.9 ބިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ.
"އޭތި (2.9 ބިލިއަން ރުފިޔާ) ޓްރާންސްލޭޓް ކޮށްލައިފިއްޔާ އެއީ ދައުލަތަށް މިހާރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 13.3 ޕަސެންޓް. އެވަރުގެ އެއްޗެއް ދައުލަތަށް ނުދައްކާ ހުރި މީހަކާ ދޭތެރޭ ފިޔަވަޅެއް އެޅީމަ އެމީހަކަށް ބުނުމުގެ ޖާގަ އެބައޮތްތޯ ތިމަންނައަކީ މިހާގިނަ މީހުންގެ ތާއިދު އޮތް މީހެކޭ؟" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ސިޔާސީ ލީޑަރަކަށް ވެގެން ގާނޫނު އެމީހެއްގެ މައްޗަށް ނުހިނގާނަމަ ކޮންމެ މީހަކުވެސް ސިޔާސީ ލީޑަރަކަށް ވެގެން ހުންނަންވީ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ދައުލަތަށް ދައްކަވަން ޖެހޭ ފައިސާއަކީ ރައްޔިތުންގެ ކިތައް ބަނދަރާއި ކިތައް ނަރުދަމާއާ އެޅޭނެ ފައިސާތޯ ވިސްނާލަން ޖެހޭ ކަމަށެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން ލީސްއަށް ނަގާފައި ހުރި ޕްރޮޕަޓީއަށް ދައުލަތަށް ދަައްކަން ޖެހޭ ފައިސާ ނުދައްކާ އިރު އެއީ އެހެން މީހަކަށް ލިބުމުގެ ހައްގު އޮތް ރަށްރަށާއި ފަޅު ނޫންތޯ އާޒިމާ ވަނީ ސުވާލު އުފައްދަވައިފައެވެ.