ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު 'ދަޅަކް' ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނެސްފި އެވެ.

ޝަޝާންކް ޚައިތަން ޑައިރެކްޓް ކުރާ ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރުން ޖުލައި 20 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ފިލްމު ރިލީޒް ކުރުން ފަސްކުރިކަން ހާމަކޮށްފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓުވީޓެއްގައެވެ. ނަމަވެސް ފިލްމު ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު' ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

މިއީ ޖާންވީގެ ފުރަތަމަ ފިލްމު ނަމަވެސް، އިޝާން ވަނީ މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އިން ފެނިގެން ގޮސްފައެވެ. އަދި ގޯއާގައި ނިމިގެން ދިޔަ ފިލްމު ފެސްޓިވަލުގައި އެ ފިލްމުން އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދައިފައެވެ.