ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތު' ގެ ހިތްގައިމު ލަވަ، "ގޫމަރް" ގައި ބަތަލާ ދީޕިކާ ޕަދުކޯންގެ ބަނޑު ނިވައިކުރުމަށް ފަހު، އެ ލަވައިގެ އާ ވާޝަނެއް ރިލީޒް ކޮށްފި އެވެ.

ސްޕެޝަލް އިފެކްޓްސް ބޭނުންކޮށްގެން، ދީޕިކާގެ ބަނޑު ނިވައިކޮށްފައި ވަނީ އިންޑިއާގެ ސެންސަރު ބޯޑުން އެގޮތަށް އެންގުމުންނެވެ. އެއީ ފިލްމަށް ގެންނަން އެންގި ފަސް ބަދަލުގެ ތެރޭގައި ހިމެނޭ ބަދަލެކެވެ.

ސެންސަރު ބޯޑުން އެ ބަދަލު ގެނައުމަށް އަންގާފައި ވަނީ ފިލްމު ރިލީޒް ކުރުމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަރްނީ ސޭނާ ގްރޫޕާއި، ޖެއިޕޫރުގެ ޝާހީ އާއިލާ އިން ވެސް ދީޕިކާ އެ ލަވައިގައި ހެދުން އަޅައިފައި ހުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާތީ އެވެ. ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު ފިލްމު 'ޕަދްމާވަތު' އަންނަ ބުރާސްފަތި ދުވަހު ރިލީޒް ކުރުމަށް މިވަނީ ތައްޔާރުވެފަ އެވެ.

ކުރިން 'ޕަދްމާވަތީ' ގެ ނަމުގައި ފިލްމު ރިލީޒް ކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ފިލްމު ރިލީޒް ކުރުން ބައެއް ސްޓޭޓް ތަކުން މަނާކުރުމުން، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެއްވެސް ސްޓޭޓެއްގައި ފިލްމު ދެއްކުން މަނާ ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ. ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.