ވިލާ ގުރޫޕުގެ ހަތަރު ރިސޯޓަކުން ޖީއެސްޓީ އަދި ގްރީން ޓެކްސް ނުދައްކާތާ 10 މަސް ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ވިލާ ގުރޫޕުގެ ފަން އައިލެންޑް، ސަން އައިލެންޑް، ޕެރަޑައިސް އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަސްޓަމްސްއިން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެއީ ވިލާ ގުރޫޕުގެ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ހުއްދައަށް އެތެރެކޮށްފައިވާ ބަނގުރާ، އޫރު މަސް އެ ރިސޯޓުތަކަށް ގަވައިދާ ހިލާފަށް ގެންދިޔަ ކަމަށް ބުނެ އެވެ.

މީރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، ވިލާ ޝިޕިންގް އަކީ ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 18.9 މިލިއަން ރުފިޔާ ނުދައްކާތީ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާފައިވާ ކުންފުންޏެކެވެ.

އަދި ޖީއެސްޓީއާ ގްރީން ޓެކްސްގެ ގޮތުގައި ވިލާއިން މީރާއަށް ދައްކަން ޖެހޭ ފައިސާ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މިއަދާ ހަމައަށްވެސް ދައްކާފައި ނުވާ ކަމަށް މީރާއިން ބުންޏެވެ. އެފައިސާއަށް ޖުމްލަ 5.1 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

"2017 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިއަދާ ހަމައަލަށް 5.1 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެހެން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު އަމަލު ކުރެވޭ އުސޫލާ އެއްގޮތަށް ތަފާތު ކުރުމެއް ނެތި ވިލާއިން ހިންގާ ރިސޯޓުތަކާ މެދު ވަނީ ފިޔަވަޅު އެޅިފައި،" މީރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީރާއިން ބުނީ އެ އޮތޯރިޓީން ގާނޫނީ ތަރަަހައިން ބޭރުން އެއްވެސް ކުންފުންޏަކާ މެދު ފިޔަވަޅު ނާޅާނެ ކަމަށެވެ. އަދި އެއްވެސް ކުންފުންޏަކަށް ގެއްލުންދިނުމުގެ މަގުސަދުގައިވެސް ފިޔަވަޅު ނާޅާނެ ކަމަަށް ބުންޏެވެ.

"އެހެން ކަމުން މީރާގެ ތަސައްވަރަށް އުނިކަން ގެނައުމުގެ ގޮތުން މީރާއާ ގުޅޭ ހަގީގަތެއް ނެތް ދޮގުވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަން،" މީރާގެ ބަޔާނުގައިވެ އެވެ.

ވިލާ ޝިޕިން އިން ހިންގާ ފަން އައިލެންޑް، ސަން އައިލެންޑް، ހޮލިޑޭ އައިލެންޑް އަދި ޕެރަޑައިސް އައިލެންޑުގައި ވިއްކާ ބަނގުރަލާއި އޫރު މަހަކީ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ތަކެތި ކަމަށްބުނެ ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު އެ ހަތަރު ރިސޯޓަށް އަރައި ކަމާ ބެހޭ ތަންތަނާއި ތަކެތި ބަލައި ފާސްކޮށްފައެވެ. އަދި ކަސްޓަމްސް އިން ރޭ ވަނީ ފަން އައިލެންޑުގައި ހުރި ބަނގުރާގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ގެންގޮސްފައި ހުރި ބަނގުރާތައް އެ ރަށުން ބާލައިފައެވެ.

އެ ހަތަރު ރިސޯޓަކީ އެ ރިސޯޓުތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.