21 Jan 2018, 18:23
ވިލާ ގުރޫޕުގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުން ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ބަނގުރާ ފުޅިތައް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށަަށް ނަގަނީ ކޯޓު އަމުރުން ލިބިދޭ ބާރުގެ ދަށުން ކަމަށް އެ ސާވިސްއިން ބުނެފި އެވެ.
ރޭގެ ވަގުތެއްގައި ކަސްޓަމްސްއިން ވަނީ ވިލާ ގުރޫޕުގެ ފަން އައިލެންޑް ރިސޯޓުން ބަނގުރާ ފުޅިތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަަށް ގެންގޮސްފަ އެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަަށް ގެންދަނީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އަދި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި ވާގޮތުން ރިސޯޓުތަކަށް ބަނގުރާ ދޫކުރެވޭނީ ހަމައެކަނި އެ ރިސޯޓުތަކުގައި ރެޖިސްޓްރީވެގެން ތިބޭ ބިދޭސީން ނުވަތަ އެތަނަށް ޒިޔާރަތްކުރާ ބިދޭސީންނަށް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ބަނގުރަލާ އޫރުމަހަކީ ވަކި ގާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވި ވަކި އުސޫލުތަކެއްގެ ދަށުން އަމަލު ކުރަން ޖެހޭ އެއްޗަކަށް ވާއިރު އާންމު ވިޔަފާރި މުދާހެން ބަނގުރަލާއި އޫރުމަސް އެއްތަނުން އަނެއް ތަނަަށް ގެންދިއުމާއި އޭގެ ވިޔަފާރި ކުރުމަކީ ގާނޫނު މަނާ ކުރާ ކަމެއް،" ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ އެ ސާވިސްއިން ހިނގާ އޮޕަރޭޝަނުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވެ ފަތުރުވެރިންނަށް ނުބައި މެސެޖެއް ލިބޭ ގޮތަށް އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.
އެގޮތުން ގާނޫނާ އެގޮތަށް އަންގަންޖެހޭ އެނގުންތައް އަންގާފައިވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. އަދި ބަލާ ފާސްކޮށްފައިވަނީ ހަމައެކަނި ބަނގުރާ ބަހައްޓާފައިވާ ގުދަން އެކަނި ކަމަށާއި ޓުއަރިސްޓުން ދިރިއުޅޭ ސަރަހައްދު ބަލާ ފާސްކޮށްފައި ނުވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަދި އެތަންތާ ހުރި ހުރިހާ ބަނގުރަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަަށް ގެނައުމުގެ ބަދަލުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވުނީ ގާނޫނާ ގަވައިދާ ހިލާފަށް އެތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭ ތަކެތި،" ކަސްޓަމްސްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކަސްޓަމްސްއިން ބުނީ އެ ސާވިސްއިން ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތް ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ދޮގު މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކުށެއް އެއީ ކުށެއް ނޫން ކަމަށް ދައްކުވަން ބަޔަކު ކުރާ މަސައްކަތް ކުއްވެރި ކުރާ ކަމާށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ވިލާ ޓްރެވަލްސް އިން ހިންގާ ފަން އައިލެންޑް، ސަން އައިލެންޑް، ހޮލިޑޭ އައިލެންޑް އަދި ޕެރަޑައިސް އައިލެންޑުގައި ވިއްކާ ބަނގުރަލާއި އޫރު މަހަކީ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ތަކެތި ކަމަށްބުނެ ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު އެ ހަތަރު ރިސޯޓަށް އަރައި ކަމާ ބެހޭ ތަންތަނާއި ތަކެތި ބަލައި ފާސްކޮށްފައެވެ. އަދި ކަސްޓަމްސް އިން ރޭ ވަނީ ފަން އައިލެންޑުގައި ހުރި ބަނގުރާގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ގެންގޮސްފައި ހުރި ބަނގުރާތައް އެ ރަށުން ބާލައިފައެވެ.
އެ ހަތަރު ރިސޯޓަކީ އެ ރިސޯޓުތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.