21 Jan 2018, 17:09
ބެއިޖިންގް( 21 ޖެނުއަރީ): ފިނިހަނގުރާމައިގެ ސިޔާސަތުތައް ދޫކޮށްލުމަށް ޗައިނާއިން އެމެރިކާއަށް ގޮވައިލައިފިއެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި، ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި އެގައުމުގެ އަސްކަރީ ނުފޫޒު އިތުރުކުރަމުންދިޔުމަކީ އެމެރިކާއަށް ހުރި ބިރެއް ކަމަށް ބުނެފައިވާތީވެ އެކަމަށް ރައްދުދީ، ޗައިނާއިން ބުނީ ފިނި ހަނގުރާމައިގެ ސިޔާސަތު އެމެރިކާއިން ދޫކޮށްލައި ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ކަންތައްތައް އިތުރުކުރުމަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ނިންމުމެއްކަމަށް އެމެރިކާއިން ގަބޫލުކުރަން ޖެހޭނެ ކަމަށެެވެ.
ޗައިނާއިން ބުނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ކަންތައްތައް އިތުރުވެފައިވަނީ އެ ސަރަަހައްދުގެ އެހެނިހެން ގައުމުތަކުގެ ސަބަބުން ކަމަށާއި އެގައުމުތަކުން ސަރަަހައްދީ ސުލްހަ މަސަލަސްކަމަށް އިސްކަންނުދޭ ކަމަށެވެ.
ދާދިފަހުން ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ޗައިނާގެ ރަށެއްކަމަަށްވާ ހުއަންގްޔާނ ކައިރިއަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ހުއްދަނެތި ވަން މައްސަލައިގައި ޗައިނާއިން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ ސަރަހައްދެއް ނަމަވެސް، ޗައިނާއިން ވަނީ އެކަނޑުގެ މާސިންގާ ބޮޑެތި ފަރުތަކެއް ހިއްކައިގެން ރަށްތަކެއްވެސް ހަދައިފައެވެ. އަދި އޭގެ ބައެއް ރަށްތައް އަސްކަރީ މަރުކަޒުތަކަށްވެސް ބަދަލު ކުރަމުން އެބަގެންދެއެވެ.
ފަރުތައް ހިއްކުމުގެ އިތުރުން، އެކަނޑުގެ ބޮޑު ސަރަހައްދެއް ޗައިނާއިންވަނީ އަމިއްލައަށް އެމީހުންގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފައެވެ. އެ ސަރަހައްދުތަކަކީ ޗައިނާއާ އަވަށްޓެރި ގިނަ ގައުމުތަކުންވެސް މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދެކެވެ.
މަސްދަރު:ބްލޫމްބާގް