21 Jan 2018, 16:37
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ސައިދް ޚަވަރުއަލީ ޝާހް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕާކިސްތާނުގެ ސަފީރު ރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

ޕާކިސްތާނު ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައި ވަނީ އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމްގެ މައްޗަށްކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެޤައުމުގެ ޝައުޤުވެރިކަން ހުރި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ވިދާޅުވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

ޕާކިސްތާނު ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ސަފީރު ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއަކީ އެހެން އިސްލާމީ ޤައުމުތަކަށް ހުރި މިސާލެއް ކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިން ކާމިޔާބުކަމާއެކު މެދުމިނުގެ އާމްދަނީ ލިބޭ ފަންތީގެ ޤައުމަކަށް ވާސިލުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައިލޭޓަރަލް ސެކްރެޓަރީ އަޙުމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.