16 Aug 2011, 13:35
ޓެކްސްގެ ނިޒާމެއް ރާއްޖެ އަށް ތައާރަފްކޮށް ވިޔަފާރިވެރިންގެ އަތުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ޒިންމާދާރުކަމާއި އަމާނާތްތެރިކަމާ އެކު ހޭދަކުރުމަށް ބޮޑަތި ވިޔަފާރިވެރިން ސަރުކާރަށް ގޮވާލައި އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ މާލީ އަދި އިގްތިސޯދީ ޕްރޮގްރާމްގެ އިސްލާހީ އެޖެންޑާ އިފްތިތާހު ކުރުމުގެ ދަރުބާރުގައި އެ އިސްލާހުތަކަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ވިޔަފާރިވެރިން ވެސް ވަނީ ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފާ އެކު ބެހިގެން ދާނެ އަދި ދެފުށް ފެންނަ ގޮތަކަށް އެ ފައިސާ ހޭދަކުރުމުގެ މުހިންމުކަން ފާހަގަކޮށް ވާހަކަ ދައްކަވައިފަ އެވެ.
ހަމައެކަނި ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރިވެރިން ވާހަކަ ދެއްކެވި އެ ޖަލްސާގައި ޓެކްސް ރިފޯމަށް، ފަހަކަށް އައިސް އެންމެ ބޮޑަށް ތާއީދުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަދި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން ސިމް އިބްރާހިމް މުހަންމަދު ވިދާޅުވީ ވިޔަފާރިވެރިން ސަރުކާރަށް ދައްކާ ޓެކްސްއަކީ ސަރުކާރަށް ދޭ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ކަންތައްތައް ކޮށްދިނުމަށް ސަރުކާރާ ހަވާލުކުރާ ފައިސާ ކަމަށެވެ.
"ޓެކްސް އަކީ އޭގެ އަސާސީ މާނައިގައި، ރައްޔިތުން ހޮވާފައިވާ ސަރުކާރަކަށް ރައްޔިތުން ކަންތައްތައް ކުރުމަށް ހަވާލުކުރާ ފައިސާ، ދޭ ފައިސާއެއް ނޫން. އެހެންވީމާ މީގައި ވަރަށް ބޮޑު ޒިންމާއެއް އޮންނާނެ،" ސިމް ވިދާޅުވި އެވެ.
ސިމްގެ ކުރިން ވާހަކަ ދެއްކެވި އެ ޖަމްއިއްޔާގެ ރައީސް އަދި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ވިދާޅުވީ ސަރުކާރު ހިންގުމަށް ޓަކައި ފުދުން ތެރިކަން އިތުރުކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ އިގްތިސޯދީ އިސްލާހު އެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވެގެން ދާނެ ކަމަށެވެ.
"ފައިސާ ލިބޭނެ ގޮތުގެ ވަރަށް ތަފްސީލު ރިފޯމް އެޖެންޑާއެއް މި އޮތީ ހުށަހަޅުއްވާފައި. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ވެސް ފުރިހަމަ އެޖެންޑާއެއް،" މަނިކު ވިދާޅުވި އެވެ.
ސަންލޭންޑް ޓްރެވަލްސްގެ ޑިރެކްޓަރު ހުސެއިން ހިލްމީ ވިދާޅުވީ ޓެކްސް ތައާރަފްވެ ނަގަން ފެށުމުން ޓެކްސްގެ ނިޒާމަކީ ހުރިހާ ގޮތަކުން ވެސް ދެ ފުށްފެންނަ ނިޒާމަކަށް ވާން ޖެހޭ ކަމަށާއި އެ ނިޒާމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.
"ޓެކްސް ނިޒާމު އެބަވާން ޖެހޭ ދެ ފުށްފެންނަ ސްޓޭބަލް އެއްޗަކަށް. އެއީ ހުރިހާ ގޮތަކުން ވެސް. އޭރުން ފޮރިން އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ. ފޮރިން އިންވެސްޓްމަންޓްތައް ގެނެސްގެން ރާއްޖެ ތަރައްގީ ކުރެވޭނީ،" އިނގިރޭސި ބަހުން ވާހަކަ ދަކަވަމުން ހިލްމީ ވިދާޅުވި އެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެން ދެކެން ބޭނުން ވަނީ ޓޫރިޒަމް އިންޑަސްޓްރީން މި ދައްކާ ޓެކްސް، ދެ ފުށް ފެންނަ ގޮތަށް ރަނގަޅަށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެންދާނެ ގޮތަކަށް ހަރަދުކުރެވުން،"
ކޮމިއުނިޓީ ވޯކާ އަދި ބަނޑޮސް އައިލެންޑްގެ ވެރިޔާ މުހަންމަދު ވަހީދުއްދީން (ޑީން) ވިދާޅުވީ ޓެކްސް ނަގަނީ މުއްސަދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ކަމަށެވެ. އެހެންކަމަށް ވުމުން ޓެކްސްގެ އާމްދަނީ އަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ އަށް ބެހެން ޖެހޭ އެއްޗެއް ކަމަށް ވެސް ވަހީދުއްދީން ވިދާޅުވި އެވެ.
"ޓޫރިޒަމް އިން ފައިދާ ނެގެމުން މިއައީ އެންމެ ރަނގަޅަކަށް ނޫން. ޓެކްސް އަކީ މީގެ 40، 30 ނުވަތަ 25 އަހަރު ކުރިން ތައާރަފުވެފައި އޮންނަން ޖެހޭ އެއްޗެއް. ކިހިނެތްތޯ އަޅުގަނޑު މިއަދު ބުނާނީ ބަނޑޮސް އެއީ އަޅުގަނޑުގެ ތަނެކޭ؟ އަޅުގަނޑުގެ ތަނެއް ނޫން އެއީ، ދިވެހި ރައްޔިތުންގެ ތަނެއް. އަޅުގަނޑުމެން މިއަދު ޓެކްސް ނަގަން މި ޖެހެނީ ރައްޔިތުންގެ ތަކެތި ބޭނުންކުރާތީ. ރައްޔިތުންގެ ބިންތައް ބޭނުންކުރާތީ. އެހެންވެ އެ ފައިސާ ރައްޔިތުންގެ މެދުގައި ހަމަ ހަމަ އަށް ބެހެން ޖެހޭ،" ޑީން ވިދާޅުވި އެވެ.
އިގުތިސޯދީ އިސްލާހުތަކަށް ޑީންވެސް ވަނީ ތާއިދުކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.
"މިއަދު މި އިސްލާހީ އެޖެންޑާގައި މި ހުރި ކަންތައްތައް ފަހިކޮށް ގާއިމުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރުގެ ހަމަ އެކެއްގެ ގޮތުގައި، އަޅުގަނޑު ތާއީދު ކުރާނަން،" ޑީން ވިދާޅުވި އެވެ.