14:30


ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށް ހާޒިރުވެވަޑައިގެންނަވަންޖެހޭ ބައެއް މެންބަރުން ވަޑައިނުގެންނެވުމުގެ ސަބަބުން އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހުއްޓުމަކަށް އަތުވެއްޖެ އެވެ.


މިއަދު ހެނދުނު 11.15 އަށް ކޮމިޓީ އަށް ހާޒިރުވުމަށް ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކެޓްރީ އައިޝަތު ލިއުޝާ ޒާހިރަށެވެ. އަދި 11.45 އަށް ހާޒިރުވުމަށް ދަންނަވާފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށެވެ. އަދި 12.15 އަށް ދަންނަވާފައި ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމަށެވެ.


މި ކަމާ ގުޅިގެން ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވީ އެ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީ އަށް ވަޑައިނުގެންނެވީ އެ ބޭފުޅުންނަށް ލިޔުން ފޮނުވާފައިވާ ގޮތާމެދު ސުވާލު އުފެދޭތީ ކަމަށާއި އަދި އެ ކަންތައް އިތުރަށް އޮޅުންފިލުވުމަށް ބަންޑާރަ ނައިބުގެ އިރުޝާދުގެ ދަށުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.


ޑރ. ޝަހީދު އަދި ވިދާޅުވީ މި މައްސަލަ އުފެދިގެން މިއުޅެނީ، މަޝްވަރާތައް ނުނިމި އޮތް ޑޮކިއުމެންޓްތަކެއް ބަޔަކު ވަގަށް ނަގައިގެން ކަމަށެވެ. އަދި އެ ޑޮކިއުމެންޓްތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މެންބަރުންނަށް ބަހަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ވައްކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުސް އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.


މިއަދު ކޮމިޓީ އަށް ހާޒިރުވެވަޑައިނުގަތް މައްސަލައާ ގުޅިގެން ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމު ވެސް ވިދާޅުވީ ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވީ، ލިޔުން ފޮނުވާފައިވާ ގޮތާމެދު، ސުވާލު އުފެދޭ ކަމަށް ބަންޑާރަ ނާއިބު ހުސްނު ސުއޫދު ލަފާ ދެއްވާފައި ވާތީ ކަމަށެވެ.


މި މައްސަލައާ ގުޅިގެން ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެންބަރު އަދި ގެނަމަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، އެބޭފުޅުން ކޮމިޓީއަށް ވަޑައިނުގަތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކުރަން ބޭނުންފަރާތްތައް، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއަށް ރިޔާއަތްކޮށް ކޮމިޓީއަށް ހާޒިރުކުރުމުގެ އަމުރު ނެރުމަށް ކޮމިޓީން މިއަދު ނިންމި ނިންމުމުގެ ސަބަބުން އެބޭފުޅުން ކޮންމެ ގޮތަކުން ނަމަވެސް ހާޒިރުވެވަޑައިގަންނަންޖެހޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމާއެކު، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވެސް، އެމައްސަލަ ނެންގެވި އެވެ.


މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ، ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ފޮނުވާ ލިއުމުގައި، ކޮމިޓީގެ މުގައްރިރު ނުވަތަ ކޮމިޓީން ކަނޑައަޅާ މީހަކު ސޮއިކުރަން އޮތް އެއްވެސް އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ފެންނަން ނެތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، ނާއިބު ރައީސް އަހްމަދު ނާޒިމް ރަށުގައި ވަޑައިގެން ނޫޅުއްވާ ވަގުތެއްގައި އެފަދަ އެންގުމެއް އެބޭފުޅުންނަށް އެންގެވީ ކޮން އުސޫލަކުންތޯ ވެސް ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާ ސުވާލު ކުރެއްވި އެވެ.


ތޯރިގުގެ މި ސިވާލަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މުގައްރިރު ވިދާޅުވީ، އެފަދަ ލިއުމުގައި ކޮމިޓީގެ މުގައްރިރު ސޮއި ނުކުރައްވާނެ ކަމަށާއި، އެއީ މަޖިލީހުގެ އިދާރީ ކަމެއް ކަމަށެވެ. ނަމަވެސް ކޮމިޓީއަށް މީހުން ހާޒިރުކުރުމުގެ ބާރު ގަނޫނު އަސާސީން ކޮމިޓީއަށް ލިބިގެންވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.


މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މިކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ޖަވާބު ދެއްވުމަށްފަހު ޑރ.ޝަހީދު ކޮމިޓީއަށް ވަޑައިނުގެންނެވުމަކީ އިހްލާސްތެރިކަން ނެތުން ކަމަށެވެ. އަދި އެބޭފުޅުން ކޮމިޓީއަށް ވަޑައިގަތުންމަށް އިތުރަށް ދެންނެވުމުގެ ބަދަލުގައި އެކަމަ އަމުރު ނެރުއްވުމަށް ވެސް މުގައްރިރުގެ ކިބައިން އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.


ހާޒިރުވެ ވަޑައިގެންނެވުމަށް ދެންމެވި ބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުމުން ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން  12:17 ގައި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވީ، މަޖިލީހުގެ ގަވާއިދަށާއި، ގާނޫނު އަސާސިއަށް ބެލުމަށްފަހު އަމުރު ނެރެންވާ ފަރާތަކުން އެ ބޭފުޅުން ކޮޓީއަށް ހާޒިރު ވުމުގެ އަމުރު ނެރުމަށް، މިއަދުގެ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓުން ފާސްކުރުމަށްފަހު އެވެ.


މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިގެންނެވީ އަށް މެންބަރުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގާއި، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންގެ އިތުރުން ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދާއި، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.