ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ވިލާގެ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ބަނގުރާ އެތެރެ ކުރުމުގެ ލައިސަންސްވެސް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ބާތިލު ކޮށްފައެވެ.

ރޯޔަލް އައިލެންޑް ހިމެނޭ ގޮތަށް ވިލާގެ ޕެރަޑައިސް އައިލެންޑާއި ފަން އައިލެންޑާއި ސަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓުގެ މުވައްޒަފުން މިއަދު ވަނީ އިހުތިޖާޖަށް ނުކުމެފައެވެ.

ވިލާގެ ރިސޯޓެއްގެ މުވައްޒަފުން އިހުތިޖާޖުގައި --- ފޮޓޯ/ ޓްވިޓަ

އެކި މެސެޖްތަށް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުވައްޒަފުން ރިސޯޓުގައި އެއްތަނަކަށް އެއްވެ އިހުތިޖާޖު ކުރަމުންދާ ފޮޓޯތައް ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ބައެއް ބޯޑުތަކުގައި " ޒުވާނުން ވަޒީފާއިން ބިކަ ނުކުރޭ" އަދި " ރާއްޖޭގެ އިގްތިސާދު ފުނޑާނުލާ" އަދި " އަހަރެމެންގެ އާއިލާތައް ހާލުގައި ނުޖައްސާ" މިހެން ލިޔެފައިވެ އެވެ.

ވިލާ ގުރޫޕުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމު 'ސަން' އަށް ވިދާޅުވީ މުވައްޒަފުން އިހުތިޖާޖު ކުރަނީ އެމީހުންގެ ވަޒީފާ ގެއްލި އާއިލާތައް ބިކަވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

" މުވައްޒަފުންނަށް ބުނެލަން ބޭނުން ވަނީ އަޅުގަނޑުމެން ގަވައިދާ ހިލާފު އެއްވެސް ކަމެއް ނުކުރަމޭ. މިކަމަކީ ގަވައިދުތަކާ ގާނޫނުތަކާ ހިލާފަށް އަޅުގަނޑުމެންނާ މެދު ހިންގާ އަމަލުތަކެކޭ. މުވައްޒަފުން ކެއްތެރިވެ މާތް ﷲގެ ހަޒުރަތުގައި ދުއާ ދަންނަވާށޭ،" ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ އެކަން އެގޮތަށް ދިމާވީމަ މިހާރު ކުރިއަށް ޕްލޭންތައް ކުރާނެ ގޮތެއްވެސް ނޭނގިފައި ތިބި ކަމަށެވެ. ޕްލޭނެއް ކުރަން އެނގޭނީ ގާނޫނާ ގަވައިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާ ނަމަ ކަމަށް ގައިސރު ވިދާޅުވި އެވެ.

ވިލާ ޓްރެވަލްސް އިން ހިންގާ ފަން އައިލެންޑް، ސަން އައިލެންޑް، ހޮލިޑޭ އައިލެންޑް އަދި ޕެރަޑައިސް އައިލެންޑުގައި ވިއްކާ ބަނގުރަލާއި އޫރު މަހަކީ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ތަކެތި ކަމަށްބުނެ ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު އެ ހަތަރު ރިސޯޓަށް އަރައި ކަމާ ބެހޭ ތަންތަނާއި ތަކެތި ބަލައި ފާސްކޮށްފައެވެ. އަދި ކަސްޓަމްސް އިން ރޭ ވަނީ ފަން އައިލެންޑުގައި ހުރި ބަނގުރާގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ގެންގޮސްފައި ހުރި ބަނގުރާތައް އެ ރަށުން ބާލައިފައެވެ.

އެ ހަތަރު ރިސޯޓަކީ އެ ރިސޯޓުތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.