21 Jan 2018, 16:51
ކްރިމިނަލް ކޯޓްގައި މިއަދު މެންދުރު އޮތް ޝަރީއަތުގެ އަޑުއެހުމަކަށް ނަން ނޯޓްކޮށްފައި ވަނިކޮށް ނޫސްވެރިން ނުވައްދައި އެ ޝަރީއަތް ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަންނަން ބޭނުންވާ ފަރާތްތަކުން ޝަރީއަތް ފަށަން ތާވަލްކޮށްފައި އޮންނަ ގަޑި ޖެހުމުގެ 15 މިނެޓް ކުރިން ނަން ނޯޓްކުރަން ޖެހެއެވެ. އެންމެ މިނެޓެއް ލަސް ވި ނަމަވެސް ނަން ނޯޓެއް ނުކޮށްދެއެވެ.
މިއަދު އެކެއް ޖަހާއިރަށް ތާވަލުކޮށްފައި އޮތީ ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގައި ދައުލަތުން ދައުވާ އުފުލާފައިވާ މ. މެރީލޮޖް އަހުމަދު ނާއިޒްގެ ޝަރީއަތެވެ. ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ނާއިޒް ކޯޓަށް ހާޒިރުކުރީ 1:30ގެ ފަހުންނެވެ. އެކެއް ޖެހީއްސުރެން ވެސް ނޫސްވެރިން ތިބީ ކްރިމިނަލް ކޯޓްގައެވެ. ނަމަވެސް 2:30ގައި ކްރިމިނަލް ކޯޓްގެ ރިސެޕްޝަނުން އެންގީ ޝަރީއަތް ފެށިފައިވާ ކަމަށާއި ޝަރީއަތް ފެށުމަށްފަހު ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށެވެ.
ނަން ނޯޓްކޮށްފައި ވަނިކޮށް ނޫސްވެރިން ނުވައްދައި ޝަރީއަތް ފެށީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ރިސެޕްޝަނުން ޖަވާބެއް ނުދެއްވައެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓްގެ މީޑީއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޯޓްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި މަހު ކުރީ ކޮޅުގައި އޮތް އެހެން ޝަރީއަތުގެ މަޖިލީހަކަށް ވެސް ނަން ނޯޓްކޮށްފައިވަނިކޮށް ނޫސްވެރިން ނުވައްދައި ވަނީ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމަށް ވެސް ނޫސްވެރިން ނަން ނޯޓުކޮށް ކޯޓު ތެރޭގައި ތިއްބާ، އެ ޝަރީއަތުގެ މަޖިލިސް ވެސް ފެށީ ނޫސްވެރިން ނުވައްދައެވެ.