ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރިއަށް ދަތިކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ގާސިމްގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ގަވައިދާ ހިލާފަށް ގެންގޮސްފައިވާ ކަމަށް ބުނެ އެތަކެތި ނެގުމުގެ މަސައްކަތް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ. އަދި ގާސިމްގެ ރޯޔަލް އައިލެންޑަށް ބަނގުރާ އެތެރެކުރަން ދޫކޮށްފައިވާ ލައިސަންސް ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ޚަލީލް "ސަން"އަށް ވިދާޅުވީ މި ގައުމުގައި ގާނޫނު ތަންފީޒު ކުރުމަށް ވަކި ކުލައަކަށް އަދި ގިންތިއަކަށް ނުބަލާނެ ކަމަށެވެ.

ވިޔަފާރިވެރިންނަށް ދަތިކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޙަލީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭ ބެފުޅެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މި ސަރުކާރު އައި ފަހުން ޒުވާނުންނަށްވެސް ވިޔަފާރި ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިކޮށްދީފައި އަދި ބޭރުގެ އިންވެސްޓަރުނަށް ރާއްޖޭގައި ވިޔަފާރި ކުރުމަށް ދޭ ފުރުސަތުތައް ވެސް މިވަނީ އިތުރުވެފައި،" ޚަލީލް ވިދާޅުވިއެވެ.

ގާސިމްގެ ރިސޯޓުތަކުން ގަވައިދާ ހިލާފަށް އަމަލު ކުރާ ނަމަ ފިޔަވަޅު އަޅަން ސަރުކާރު ފަސް ނުޖެހޭކަން ހާމަ ވެއްޖެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި ގައުމަށް ގައްދާރުވެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެން ހިއްވަރުދޭ މީހުން ބަލިކުރާނީ ރައްޔިތުން ނުކުމެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގާސިމްގެ ރިސޯޓުތަކަށް އަަރައި ކަސްޓަމްސްއާއި ފުލުހުން ހިނގާ އަމަލުތަކުގެ ސަބަބުން މުޅި ފަތުރުވެރި ކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.