21 Jan 2018, 17:22
ރާއްޖޭގައި މިހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދަނީ މުޖުތަމައުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރެވިފައި ވާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ "މޫދުކަސްރަތުން އުފާވެރިކަން" މިނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ 13 ވަނަ ޕްރޮގްރާމް ނިއްމާލުމަށް ހއ.ކެލާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މޫދުކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑިއެފް
"ގައުމުގައި މިއަދު މިހާގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން މި ގެންދެވެނީ މުޖުތަމައުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރެވިފައި ވާތީ. މުޖްތަމައުގެ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަށް ދެމެހެއްޓިފައި ވާތީ. ރައީސް ޔާމީންގެ ޒައާމަތުގައި މިވަނީ ރާއްޖޭގައި ސުލްހަމަސަލަސްކަން ގާއިމް ކުރެވިފައި،" އާދަމް ޝާރީފު ވިދާޅުވިއެވެ.
ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ އިން ކެލާގައި ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެ ޕްރޮގްރާމުގައި އެކި ގޮތްގޮތުން އެހީތެރިވެދިން މީހުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ހަނދާނީލިޔުން ހަދިޔާކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ.

"މޫދުކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑިއެފް
"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި، ކެލާގެ 179 ބައިވެރިން ވަނީ ބައިވެރިވެފައެވެ.