ރިޔާޟް(ޖެނުއަރީ 21): ދެހާސްފަނަރަ ވަނަ އަހަރު ޔަމަނުގައި ފެށުނު ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ އެގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ޔަމަނަށް ދެ ބިލިއަން ޑޮލަރު ހަދިޔާ ކުރަން ސައުދީ އަރަބިއާއިން ނިންމައިފި އެވެ.

ސައުދީ އަރަބިއާގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އީރާނުގެ މަދަދު ލިބޭ ހޫޘީ ހަނގުރާމަވެރިން ދަނީ ޔަމަނަށް ތެލުގެ ވިޔަފާރިންނާއި އެހެނިހެން ގޮތްތަކުން ލިބޭ ފައިސާ ލޫޓުވަމުންނެވެ. އޭގެ ސަބަބުން ޔަމަނުގެ ރިޔާލުގެ އަގު ދަށްވެ، އެގައުމުގެ އިގުތިސާދު ހީނަރުވަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސައުދީ އަރަބިއާގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީގެ ބަޔާން --

އެހެންކަމުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ ޔަމަނުގެ މަރުކަޒީ ބޭންކަށް ދެ ބިލިއަން ޑޮލަރު ޑިޕޮސިޓު ކުރުމަށް އަމުރު ކުރައްވާފައި ކަމަށާއި އޭގެ ސަބަބުން ޔަމަނުގެ ރިޔާލުގެ އަގު މަތިވެ އިގުތިސާދު ހަރުދަނާ ވާނެ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެއެވެ.

ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަ ކުރުމަށް ސައުދީ އަރަބިއާ އިސްވެ އުފައްދާފައިވާ ގުޅިފައިވާ އިއްތިހާދަކުން ވަނީ މަސައްކަތް ފަށައިފައެވެ.

ސައުދީން ބުނެފައި ވަނީ، ޔަމަނުގައި ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް އެގައުމުން ކުރަމުން ގެންދާ ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނޭ ކަމަށެވެ.

ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން އެގައުމުގައި 10،000އަށް ވުރެ ގިނަ މީހުން މަރުވެ، 8.4 މިލިއަނަށް ވުރެ ގިނަ މީހުން ބަނޑުހައި ހޫނުކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ.އިން ބުނެއެވެ.