16 Aug 2011, 12:02
މިދިޔަ އަހަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު އެޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ޕާޓީން މިއަދު ވަކިވެވަޑައިގެންނަވާނެ ކަން ރޭ މީޑިއާގައި ވިދާޅުވުމަށް ފަހު މުއްތޮލިބު ވަނީ، އިސްތިއުފާގެ ސިޓީ ޕާޓީ އޮފީހަށް މިއަދު ހެނދުނު ހުށަހަޅުއްވައިފަ އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ޕާޓީގެ ފަރާތުން ހުށަހަޅައި، އިސްތިއުފާގެ ކަންކަން ވީހާވެސް އަވަހަކަށް ހަމަޖައްސާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މުއްތޮލިބު ރޭ ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވީ، މިހާރު ޕާޓީ ތެރޭ ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.
"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއަށް އައިއިރު ވެސް އުއްމީދަކީ 2013ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުން. ފަހަރެއްގައި ޖުމްހޫރީ ޕާޓީން ވާދަކޮށްފާނެ. އެހެންނަމަވެސް، ޖުމްހޫރީ ޕާޓީގެ ކްރެޑިޓް މަޑުމަޑުން ގެއްލޭ ކަހަލަ ކަންތައްތައް ގިނަ ފަހަރު ދިމާވަމުން ދަނީ،" މުއްތޮލިބު ވިދާޅުވި އެވެ. "އެހެންވީމަ ކޮންމެހެން މާޔޫސްވެފައި ހުންނަން އަޅުގަނޑު ބޭނުން ނުވަނީ،"
މީގެ އިތުރުން ކައުންސިލްގެ ނިންމުންތައް ތަންފީޒު ނުކުރެވޭ ކަމަށާއި އަދި އެއްވެސް ވަރަކަށް ޕާޓީ ތެރޭގައި މަޝްވަރާ ނުކުރެވޭ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.
"މަޝްވަރާ ނުކުރެވޭ މައްސަލަ އެންމެ ބޮޑު މައްސަލައަކީ. ސިޔާސީ ޕާޓީއެއް ކަމުގައިވަންޏާ ސިޔާސީ ލީޑަރުން މެދުގައި ކަންކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމެން ވެސް ޖެހޭނެ ނުންތޯ؟ ގާސިމް ބިޒީ ކަމުން އަޅުގަނޑަށް ވަގުތެއް ވެސް ނުދެއްވޭ. އަޅުގަނޑު މެސެޖެއް ފޮނުވާލިއަސް ގިނަފަހަރު ޖަވާބެއް ނުއެއް ދެއްވާނެ. އެހެންވީމަ މިހެން ކޮންމެހެން ހުންނަން ބޭނުންނުވާތީ މިގޮތަށް ނިންމީ." މުއްތޮލިބު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތަސް އިތުރު ޕާޓީއަކާ މިވަގުތު ގުޅެން ނުވިސްނަވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
މުއްތޮލިބު މަޖިލީހަށް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި އެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ނޮވެމްބަރު 11، 2010 ގައި އެވެ.