21 Jan 2018, 15:41
'މައިލްސް ފޯ ސްމައިލްސް' ގެ ނަމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ ދުވުމަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިކުރުމުގެ މުހިއްމުކަމަށް ލޯ ހުޅުވާލަދިނުމަށް ބޭއްވި ދުވުމެކެވެ.
ދުވުމުގައި 2،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގެ ހާއްސަ މެސެޖު ދިނުމަށް 24 ގަޑިއިރު ދުވީ ލީޑު އެތުލީޓް އިބްރާހިމް ސާއިދު އަލީއާ ރާއްޖޭގެ ފުރަތަމަ އަޔަން މޭން ޑރ. ހުސައިން ހަލީމް (ކުޑަ ހުސެއިން) އެވެ. މި އެތްލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ ގިނަ ވުޒާރާތަކަކާއި އަމިއްލަ ފަރާތްތަކެއްގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންވެސްވަނީ ގިނަ ވަގުތުތަކެއްގައި ދުވެފައެވެ.
ދުވުމަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވި އެއް ބޭފުޅަކަށް ފާހަގަކުރެވުނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. ދުވުން ޝަރަފުވެރިވެސް ކޮށްދެއްވި މިނިސްޓަރު ނާޒިމްވަނީ ސާއިދުއާއެކު ގިނަ ވަގުތުތަކެއްގައި ދުވެވަޑައިގެންފައެވެ. އަދި އިއްޔެގެ ރޭސް ނިންމަވާލެއްވުމުގައިވެސް މިނިސްޓަރު ހުންނެވީ ސާއިދާއެކު އެންމެ ގާތުންނެވެ.
ދުވުމަށްފަހު މިނިސްޓަރު މާގިނަ ވާހަކަތަކެއް ނުދެއްކެވިނަމަވެސް، އެންމެ މުނާސަބުކޮށް ދެއްވީ ވަރުގަދަ ދެ މެސެޖެކެވެ. ފުރަތަމަ ކަމަކަށް މިނިސްޓަރު ވިދާޅުވީ އަބަދުވެސް މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަކަށް އިސްކަން ދޭން ޖެހޭ ކަމަށާއި، ސާއިދު ފަދަ މީހުން ގިނައިން މިފަދަ ކަންކަމަށް ތެދުވަން ޖެހޭ ކަމަށެވެ.
ދެވަނަ ކަމަކަށް މިނިސްޓަރު ފާހަގަކުރެއްވީ ސާއިދު އަދި ކުޑަ ހުސެއިންވެސް ފުރިހަމަ ކުރި ޗެލެންޖަކީ ބޮޑު ކަމެއް ކަމަށާއި، އޭގެ ސަބަބުން ދޭން ބޭނުންވި މެސެޖުގެ ބާރު ގަދަވި ކަމަށެވެ. އަދި އަބަދުވެސް ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތާއި ހެލިފެލިވެ އުޅުމަކީ މުހިއްމު ކަމެއް ކަމަށާއި، އެ ދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
'މައިލްސް ފޯ ސްމައިލްސް' ގެ ހަރަކާތް ނިންމާލީ ވަރަށް ކާމިޔާބުކޮށެވެ. އެ ދުވުމުގައި 200 އަށްވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންވެސް ބައިވެރިވިއެވެ.