22 Jan 2018, 09:10
މިއަހަރަކީ އޭއެފްސީ ކަޕުގެ ތާރީހުގައި އެންމެ ގިނަ ޓީމުތައް ވާދަކުރާނެ އަހަރެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އޭއެފްސީ ކަޕުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިއަހަރުގެ އޭއެފްސީ ކަޕުގައި 36 ޓީމު ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައިވެސް 36 ޓީމު ވާދަކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ދެ ޓީމަކުން ނަން ނެގުމުން ވާދަކުރީ 34 ޓީމެވެ.
އޭއެފްސީން ބުނެފައިވަނީ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މުބާރާތުގެ ފޯރި ގަދަވެ، މުބާރާތުގެ ހައިބަތު ވަރަށް ބޮޑުތަނުން ބޮޑުވެގެން ދިޔަ ކަމަށެވެ. އޭއެފްސީންވަނީ ވޭތުވެދިޔަ އަހަރު އޭއެފްސީ ކަޕު ޒޯނަލް ޗެމްޕިއަންޝިޕްތަކެއް ކުޅޭގޮތަށް ހަމަޖައްސާފައެވެ. އެގޮތުން އޭޝިއާގެ ފަސް ސަރަހައްދުން ޓީމުތައް ކުޅެ ޒޯނަލް ފައިނަލުން މޮޅުވާ ޓީމު ކޮލިފައިވާނީ އިންޓަ ޒޯނަލް ޕްލޭ އޮފް ސެމީ ފައިނަލަށެވެ. އަދި ފައިނަލްވެސް ކުޅޭނީ ހަމަ އިންޓަ ޒޯނަލް ފައިނަލްގެ ޕްލޭ އޮފްއަކަށް ފަހުގައެވެ.
އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ޑަޓޯ ވިންޑްސާާ ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ އޭއެފްސީ ކަޕަކީ ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކަމަށާއި، ސަޕޯޓަރުން ގަޔާވާނެ މެޗުތަކެއް ގެނެސްދިނުމަށް ކަމަށެވެ. މީގެ އިތުރުންވެސް އޭނާ ބުނެފައިވަނީ އޭޝިއާގެ ފުޓުބޯޅަ ކުރިއަރަމުންދާ ކަމަށާއި، އޭއެފްސީ ކަޕު ފަދަ މުބާރާތްތަކަކީ އޭޝިއާގެ ފުޓްބޯޅައަށް މުހިއްމު މުބާރާތެއް ކަމަށެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ބާކީ ފަސް ޖާގަ އޮތްއިރު، 13 ކްލަބަކުން އެ ޖާގަތަކަށް ވާދަކުރާނެއެވެ. ޕްރިލިމިނަރީ ބުރާއި ކޮލިފިކޭޝަން ބުރުގައެވެ. ރާއްޖެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސީދާ ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުވެފައިވާއިރު، ޓީސީ ކުޅޭނީ ޕްރިލިމިނަރީ ބުރުގައެވެ.
އޭއެފްސީ ކަޕަށް ގެންނަމުންދާ ގިނަ ބަދަލުތަކާއެކު މިއަހަރުވަނީ އެއްވަނަ ޓީމަށް ދޭ ފައިސާގެ އިނާމުވެސް އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުދިން އެއް މިލިއަން ޑޮލަރުގެ ބަދަލުގައި މިއަހަރު 1.5 މިލިއަން ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް ކުރިން ދެމުންއައި 50،000 ޑޮލަރުގެ ބަދަލުގައި މިއަހަރު ދޭނީ 75،000 ޑޮލަރެވެ.
އެންމެފަހުގެ އޭއެފްސީ ކަޕުގެ ޗެމްޕިއަނުންނަކީ އިރާގުގެ އަލް ގުވާ އަލް ޖާވިޔާއެވެ. ރަނަރަޕް ޓީމަކީ ތަޖިކިސްތާންގެ އިސްޓިކޮލްއެވެ.