16 Aug 2011, 12:20
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "އޯޕަން ޓޭޕް ބޯލް" ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބުކޮށް މަޖިލިސްޓީމާ މީރާޒްގެ ޓީމް ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.
ކުޅިވަރު އެކުއެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް މަޖިލިސްޓީމުން ކާމިޔާބު ކުރީ ބްލެންޑާއާ ބައްދަލުކޮށް އަށް ވިކެޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ. އަދި އިއްޔެގެ ދެ ވަނަ މެޗް މީރާޒްގެ ޓީމުން ކާމިޔާބު ކުރީ ޔޫވީ ފްރެންޑްސްއާ ބައްދަލުކޮށް އަށް ވިކެޓުން ނެވެ.
ފުރަތަމަ މެޗް ޓޮސް ދިމާވުމުން ބްލެންޑް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 75 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅެނީ 32ލަނޑު ހެދި އިބްރާހިމް އަލީ އެވެ. ޖަވާބުގައި މަޖިލިސް ކުޅެންއަރާ ހަތް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 76 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 27 ލަނޑި ހެދި އަލީ އާޒިމް އެވެ.
އިއްޔެގެ ދެ ވަނަ މެޗް ޓޮސް ލިބުމުން ޔޫވީ ޕްރެންޑް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 38 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ އަށް ލަނޑުހެދި ސިނާޒެވެ. ޖަވާބުގައި މީރާޒް 11 ކުޅެންއަރާ ހަތަރު އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިން ނުބައިނުވެ 40 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑުހެދި ހާޒިގް އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ އަފްލާންއާ ސީއާސީގެ ޓީމެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ޕަވާ ސޮލިއުސަންއާ އެމްޕީއެލް އެވެ. މިއަދުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ 16:10 ގައެވެ.