އާބާދީ މަދު އަދި ސްކޫލުތަކުގައި 50 އަށްވުރެ މަދު ދަރިވަރުން ކިޔަވަމުންދާ ނުވަ ރަށެއްގެ ސްކޫލްތައް އިސްކަންދަރު ސްކޫލް ވާޗުއަލްކޮށް ގުޅާލައިފިއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ވާޗުއަލް ކްލާސްރޫމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކްލާސްރޫމްތައް އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ވާލްޑް ބޭންކްގެ އެހީއާއެކު އެޑިއުކޭޝަނުން މިއަދު ގުޅާލި ސްކޫލުތަކަކީ ހއ. މޮޅަދޫ އާއި ތަކަންދޫ، ނ. ފޮއްދޫ، ބ. ފުޅަދޫ، އދ. ދިއްދޫއާއި މަންދޫގެ އިތުރުން މ. ރަތްމަންދުއާއި ވޭވަށާއި ގއ. ކޮނޑޭ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު އިފްތިތާހް ކުރެވުނު ވާޗުއަލް ކްލާސްރޫމްގެ ސަބަބުން އާބާދީ މަދު ރަށްތަށުގެ ސްކޫލުތަކުގައި ޓީޗަރުންނާއި ވަސީލަތްތައް ލިބުމުގައި ހުރި ގޮން ޖެހުން ހައްލުވެ އެ ސްކޫލްތަކުގެ ޓީޗާރުންނާއި ދަރިވަރުން އެހެން ބޮޑެތި ސްކޫލުތަކާ ވީޑިއޯ ކޮންފަރެންސްކޮށް ގުޅިގެންދާނެ ކަމަށެވެ.

ވާޗުއަލް ކްލާސްރޫމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އާބާދީ މަދު ނުވަ ރަށެއްގެ ސްކޫލުތަކާ އިސްކަންދަރު ސްކޫލާ ވާޗުއަލްކޮށް ވަނީ ގުޅާލައިފައި--ފޮޓޯ: އަފުރާހު މުހައްމަދު

"އިސްކަންދަރު ސްކޫލްގެ ގްރޭޑް ހަަތަރެއްގެ ކްލާސް ނަގައިދެމުންދާއިރު، ހަތަރެއްގެ އެ ފިލާވަލުތައް އެއީ ރަތްމަންދޫ ކަމުގައިވިޔަސް، އދ. ދިއްދޫ ކަމުގައިވިޔަސް ހަމަ ވަރަށް މަދު ކުދިންތަކެއް ހިމެނޭ އެ ކްލާސްތަކާ ގުޅިގެން އެއްކޮށް ކުރިއަށްދާނެ،" އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ހަމައެކަނި އިސްކަންދަރު ސްކޫލާ އެހެންރަށްތަކާ ގުޅާލި ނަމަވެސް މުސްތަގުބަލުގައި އެހެނިހެން ރަށްތަކާ އެހެން ބޮޑެތި ސްކޫލުތަކާ ހަމަ އެވިއުގައިން ގުޅައިލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ވާޗުއަލް ކްލާސްރޫމްތަކަކީ ސަރުކާރުން ގެންގުޅޭ އެއްވެސް ކުއްޖެއް ބާކިނުކުރުމުގެ ސިޔާސަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވާޗުއަލް ކްލާސްރޫމްގެ ސަބަބުން އާބާދި މަދު ރަށްރަށުގެ ސްކޫލުތަކާ ބޮޑެތި ސްްކޫލުތައް ގުޅާލައި ކިޔަވައިދިނުން މުޅިން އާ ހަރުފަތަކަށް ގެންދެވިގެން ދާނެ ކަމަށް ވެސް ޑރ. އައިޝަތު ވިދާޅުވިއެވެ.