21 Jan 2018, 13:08
މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ، ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި ހާދިސާއާ ގުޅިގެން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ފަސް މީހަކަށް ދިފާއީ ހެކިން ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފަހު ފުރުސަތު ދީފިއެވެ.
އުމުރުން 19 އަހަރުގެ އަސީލް މަރުވެފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދިދި ގޯޅިތެރޭގައި ތޫނު ހަތިޔާރުން ބަޔަކު އޭނާއަށް ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް އައައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގދ. ތިނަދޫ ސްވީޓްޑްރީމް، އަހްމަދު ނިމްޝާދާއި މާލޭ ދަފްތަރު 6566 އިސްމާއީލް ރިފާއު ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދާއި މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފެވެ. އަދި އެ މައްސަލައިގައި ދައުވާ ލިބޭ، ހުޅުމާލެ ފްލެޓް 110118 އަހްމަދު ޖައުފަރުގެ ދިފާއުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ވަނީ ނަގައިފައެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަސް މީހެއްގެ ގާނޫނީ ވަކީލަކީ އަބްދުﷲ ހަސީންއެވެ. އެ މައްސަލަ މެދުކެނޑިފައި އޮތީ ހަސީން ސަސްޕެންޝަންގައި ހުރުމުންނެވެ. މިދިޔަ ހަފްތާގައި ހަސީންގެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަސީން ވިދާޅުވީ އޭނާގެ މުވައްކިލުންގެ ފަރާތުން މީގެ ކުރިން ވެސް ވާނީ ދިފާއީ ހެކިން ހުށަހަޅާފައި ކަމަށާއި އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެ ހެކިން ހާޒިރު ކުރުމަށް ފުރުސަތު ދެއްވުމަށެވެ.
ހަސީން އެދި ލެއްވި ގޮތަށް ގާޒީ ވަނީ ހެކިން ހާޒިރުކޮށްދިނުމަށް ފުރުސަތު ދެއްވައިފައެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ހެކިން ހާޒިރު ނުކޮށްފިނަމަ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައިގެ ތަހްގީގަށް ހަ މީހުން ވެސް ހައްޔަރުކުރިފަހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ވަނީ ހަ މީހުންގެ ބަންދަށް ލުއިގޮތެއް ހައްދަވައިދެއްވުމަށް އެދިފައެވެ. ނަމަވެސް ދައުލަތުން އެ ކަމަށް ވަނީ އިއުތިރާޒްކޮށްފައެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ހަ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރެރިޒަމްގެ ދައުވާ ކަމަށާއި އެ މީހުން މުޖުތަމައުތެރެއަށް ދޫކޮށްފި ނަމަ އެކަމުގެ ސަބަބުން ނުރައްކާތަކެއް ވުމުގު ފުރުސަތު އެބައޮތް ކަމަށެވެ.
އަދި ގާޒީ ވެސް ވަނީ އެ މީހުން ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެފައެވެ.
އަސީލްގެ މަރުގެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ދެ ކުއްޖަކަށް ވަނީ ކުށް ސާބިތުވެ 13 އަހަރާ ހަތަރު މަހަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައެވެ.