21 Jan 2018, 14:02
'މައިލްސް ފޯ ސްމައިލްސް'ގެ މަގުސަދު ހާސިލްވި ކަމަށާއި، އިވެންޓުން ވަރަށް މުހިއްމު ކަމެއް ހަނދާންކޮށްދީފި ކަމަށް އިވެންޓް އިންތިޒާމްކުރި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
'މައިލްސް ފޯ ސްމައިލް' 24 ގަޑިއިރުގެ ޗެރިޓީ ދުވުން އިއްޔެ ހަވީރު ނިންމާލާފައިވާއިރު، ދުވުމުގެ ލީޑު އެތުލީޓް އިބްރާހިމް ސާއިދު އަލީ އަދި ރާއްޖޭގެ ފުރަތަމަ އަޔަން މޭން ޑރ. ހުސައިން ހަލީމް (ކުޑަ ހުސެއިން) ވެސް ވަނީ 24 ގަޑިއިރުވަންދެން ދުވެފައެވެ. އަދި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން އެކިއެކި ޖަމިއްޔާތަކާއި ސަރުކާރުގެ މުއްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންވަނީ ގާތްގަނޑަކަށް 2000 ވުރެ ގިނަ މީހުން ދުވުމުގައި ބައިވެރިވެފައެވެ.
ސާއިދާއެކު އިއްޔެގެ ދުވުން ނިންމާލުމަށްފަހު 'ސަން ސްޕޯޓްސް' އަށް ވާހަކަ ދައްކަމުން ރައްޒާގު ވިދާޅުވީ އިހުސާސް ކުރެވެނީ އުފާވެރިކަމުގެ ޝުއޫރުތަކެއް ކަމަށާއި 'މައިލްސް ފޯ ސްމައިލްސް'ގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވެއްޖެ ކަމަށެވެ. އިވެންޓްގެ މަގުސަދު ހާސިލްވީ ދުވުމުގެ މެއިން އެތުލީޓް ސާއިދާއި އަމިއްލައަށް އިސްނަންގަވައިގެން ދުވުނު ކުޑަ ހުސެއިންގެ ހިތްވަރުން ކަމަށެވެ.
"އިވެންޓްގެ މަގުސަދު ހާސިލްވީ ދުވުމުގައި ހިތްވަރާއެކު ދުވި އެތުލީޓް ސާއިދާއި، އަމިއްލައަށް އިސްނަގައިގެން ބައިވެރިވި ކުޑަ ހުސެއިންގެވެސް ހިތްވަރުން. މިއީ ވިސްލްބްލޯއެއް މި ކޮށްލީ، މި ހަނދާން އައުކޮށްދިނީ މުޖުތަމައުގައި އެބަ ތިއްބޭ ކުޅިވަރާއި މިފަދަ އެހެނިހެންވެސް ހަރަކާތްތަކުން މަހުރޫމްވެފައި ތިބި ބޭފުޅުން، އެ ބޭފުޅުން ބައިވެރިކޮށްގެން ކަންކަން ރާވަން އެބަޖެހޭ،" ރައްޒާގު ވިދާޅުވިއެވެ.
ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "މައިލްސް ފޯ ސްމައިލްސް" 24 ގަޑިއިރުގެ ޗެރިޓީ ދުވުމުގެ ތެރެއިން --- ސަން ފޮޓޯ/ -- ފަޔާޒު މޫސާ
ރައްޒާގު ވިދާޅުވީ އިވެންޓް ރޭވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަންޑް ރެއިޒް ކުރެވޭ އުސޫލެއް ބަލާފައި ކަމަށާއި، ސްޕޮންސަރުންނާ އެކިއެކި ފަރާތްތަކުން ވެދެއްވި އެހީތެރިކަމުން އެކަންވެސް ވަރަށް ބޮޑަށް ހާސިލްވި ކަމަށެވެ.
"ފައިސާވެސް ލިބޭނެ ގޮތަކަށް އިވެންޓް ރޭވީ. ސާއިދުއާއެކު ދުވެ އިވެންޓްގައި އެކި އެކި ގޮތްގޮތުން ހަރަކާތްތެރިވި މުއައްސަސާތަކާ އެންޖީއޯ ތަކަށް ވަރަށް ބޮޑު ޝުކުރެއް ހައުގުވޭ. ބައިކް މޯލްޑިވްސް، މޭޑް ރަނާސް، ޕެންޝަން އެޑްމިނިސްޓްރޭޝަން، އެމްޑަބްލިއުއެސްސީ، ހާފް ކޯޓު މޯލްޑިވްސް، މިފަރާތްތައްވަނީ 24 ގަޑިއިރު ފުރިހަމަކޮށްފަ. އެހެންވީމާ އެ ފަރާތްތަކުގެ ނަން ވަރަށް ބޮޑަށް ފާހަގަކޮށްލަން،" ރައްޒާގު ވިދާޅުވިއެވެ.
ރައްޒާގު އިތުރަށް ވިދާޅުވީ ސްޕޮންސަރުންނާ ނުލާ އިވެންޓް ކުރިއަށް ނުގެންދެނޭ ކަމަށާ، ހާއްސަކޮށް މެއިން ސްޕޮންސަރު ރެއިޒް ކްރައުންގެ ނަން ވަރަށް ބޮޑަށް ފާހަގަކޮށްލާ ކަމަށެވެ. އަދި ހަމަ އެއާއެކު މިއިވެންޓް ކާމިޔާބުވެގެން ދިއުމުގައި ރަފީ ޖަމިއްޔާއިން ވެދިން އެހީތެރިކަން ޝުކުރާއެކު ފާހަގަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ސާއިދު އަލީ ހުސްފަޔާ 24 ގަޑިއިރު ދުވެ މައިލްސް ފޯ ސްމައިލްސް' ރަން ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގިނަ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ 'މައިލްސް ފޯ ސްމައިލްސް' 24 ގަޑިއިރުގެ ޗެރިޓީ ދުވުން އިއްޔެވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ދުވުމުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު 200 އަށްވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.