މާލޭގެ މަގުތަށް ހަލަބޮލިވެ، ކުށް ކުރާ މީހުންނަށް އެ ފުރުސަތު ދީ، ތާރީހު އިޔާދަވާކަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މި އަހަރު އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެ އިންތިޚާބާ ގުޅޭ އެކި ކަންކަން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ގައުމު ހަލަބޮލިވާނެކަން މާ ކުރިން ވެސް ލަފާ ކޮށްފައިވާނެ ކަމަށާއި ކޮންމެ ހާލަތެއް މެދުވެރި ވިޔަސް މީގެ ކުރިން ގައުމު ގޮސްފައިވާ ހާލަތަށް މިފަހަރު ދިޔަ ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއް އެއީ 2018، 2019 ނޫނީ 2020 އަޔަސް، ދިވެހި ކޮންމެ ރައްޔިތަކަށް ކޮންމެ ހާލަތެއް އަޔަސް، އެކަށީގެންވާ އަމާން ޖައްވެއް ހޯދައިދިނުން. އެ މުޖުތަމައު އެގޮތަށް ބާއްވަން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން.،"

ޝިފާން ވިދާޅުވީ ފުލުހުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ފުލުހުންގެ ވާޖިބަކީ ރާއްޖޭގައި ދިރުއުޅޭ، އަދި ރާއްޖޭ އަށް ޒިޔާރަތް ކުރާ އެންމެނަށް އަމާން މުޖުތަމަކަށް ހެދުން ކަމަށެވެ. އެހެންކަމުން ގައުމު ހަލަބޮލިވެ ތާރީހު އިޔާދަވާކަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިދިޔަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅުނު ހުރިހާ ބޮޑެތި މައްސަލަތަކެއް ތަހުގީގުކޮށް ޕްރޮސެކިއުޓް ކުރަން ފޮނުވާފައިވާނެ ކަމަށާއި، ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ މިފަދަ 100 ޕަސަންޓު ކްލިއަރެންސް ރޭޓެއް ނޯންނާނެ ކަމަށެވެ.

"ދިމާވާ ކުދި ބޮޑު މައްސަލަތައް އިތުބާރާއެކު ހައްލުކޮށް ޔަގީންކަން ގެނެސްދިނުމަކީ މުސްތަގުބަލަށް ފުލުހުން ކުރާ މަސައްކަތަކީ ވަރަށް ތަރުތީބާއެކު ކުރާ ކަމުގެ ފުރިހަމަ މިސާލެއް." ޝިފާން ވިދާޅުވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ ދިވެހިންގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ބަޔަކު މަރަމުންދާ މަންޒަރު ބަލާކަށް ފުލުހުން ނުތިބޭނެ ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ފިލައިގެން ތިއްބަސް އެ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ.