އިސްލާމިކް މިނިސްޓްރީގެ ލައިބްރަރީއަށާއި، ގދ. ތިނަދޫގައި ސަރުކާރުން އަޅާ އިސްލާމީ މަރުކަޒާއި، ރ. ދުވާފަރުގައި އަޅާ އިސްލާމީ މަރުކަޒުގެ ލައިބްރަރީއަށް ސައުދީ އަރަބިއްޔާއިން ދީނީ ފޮތްތަކެއް ހަދިޔާކޮށްފިއެވެ.

މިއަދު ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެމްބަސީން ވަނީ ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 14 ފޮށިގަނޑުގެ ފޮތް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބް އަބްދުﷲ ވިދާޅުވީ، ދޭތެރެ ދޭތެރެއިން އެކަހަލަ ދީނީ ފޮތްތައް ލިބޭ ކަމަށާއި އެ ފޮތްތަކަކީ ވަރަށް ބޭނުންތެރި އަދި މުހިއްމު ފޮތްތަކެއް ކަމަށެވެ.

ސައުދީ އެމްބަސީން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކުރި ބައެއް ފޮތްތައް -- ފޮޓޯ: ސައުދީ އެމްބަސީ

ދެ ގައުމުގެ ގުޅުން އެކަމުގެ ސަބަބުން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި އެ ފޮތްތަކަކީ އިނގިރޭސި ބަހުން ލިޔެފައި ހުރި ފޮތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފޮތްތަކަކީ މިއަދުގެ ކިޔަވާ ކުދިންނަށް ވެސް ކިޔާލެވޭނެ ގޮތަކަށް ތައްޔާރުކޮށްފައި ހުރި ފޮތްތަކެއް ކަމަށާއި މިއަދުގެ މުޖުތަމައުއަށް އެ ފޮތްތަކަކީ ވަރަށް ބޭނުންތެރި ފޮތްތަކެއް ކަމަށްވެސް މުސްއަބް ވިދާޅުވިއެވެ.

މުސްއަބް ވިދާޅުވީ އެ ފޮތްތަކުގެ ސަބަބުން އިސްލާމްދީނާ ބެހޭ ވަރަށް ގިނަ އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.