21 Jan 2018, 11:29
އދ. މާމިގިލީ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރުމަށް މާމިގިލީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާފެލްކަން ޔޫތް އެންޑް ރެކްރިއޭޝަން ކުލަބުންގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާމިގިލީ ކައުންސިލުން މަަސައްކަތް ކުރަނީ ވަކި ފިކުރެއް ދިފާއު ކުރުމަށް ކަމަށާއި ކައުންސިލަރުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާ އިސްކޮށް ރައްޔިތުންގެ ރޫހާ ޚިލާފަށް ކަމަށެވެ.
ފެލްކަން ޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ވިލާ ގުރޫޕުން ހިންގާ ރިސޯޓުތަކުގައި ކަސްޓަމުން ހިންގާ އޮފަރޭޝަނާއި ގުޅިގެން މާމިގިލީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ރިސޯޓުތަކުގައި ހިންގާ އޮޕަރޭޝަނުގެ ސަބަބުން ފަތުރުވެރިކަމަށާއި އެ ރިސޯޓުތަކުގައި މަޒީފާ އަދާކުރާ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އަސަރު ކުރާނެ ކަމަށެވެ. ހާއްސަކޮށް އދ. އަތޮޅުގައި އޮންނަ ހޮލިޑޭ އައިލެންޑާއި ސަން އައިލެންޑުގެ ނަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް އަކީ މާމިގިއްޔަށް، ތަފާތު އެހީތައް ދީފައިވާ ބޭފުޅެއްކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވާ ވާހަކަތައް ކުށްވެރިކޮށް ފެލްކަން ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މާމިގިއްޔަށް ދިމާވެފައިވާ އިތުރު މައްސަލަތަކުގައި ކައުންސިލުން ބަހެއް ނުބުނެ އޮންނާތީ ކަންބޮޑުވާ ކަމަށެވެ.
ހާއްސަކޮށް އެމްޕީއެލްއިން މާމިގިލީގައި ތަރައްގީކުރާ ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަސައްކަތްކުރާ ސަރަހައްދުގެ އިންފާރު ވައްޓައިލި މައްސަލައާއި ގުޅިގެން ކައުންސިލުން ހަނު އޮތުމުން އެކަމާ ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ. އަދި މާމިގިލީ އިރުމަތީ ފަރާތު ބަނދަރުގައި ތަރައްގީކުރަން މަސައްކަތް ކުރި ޕާކު ކައުންސިލުގެ ގަރާރަކުން ބާތިލް ކުރި ކުރުންވެސް ފެލްކަން ޖަމްއިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މާމިގިލީ ޒުވާނުންނަށް މިވަގުތަށް އެންމެ ބޭނުންވަނީ ރަށުން ގޯތި ލިބުން ކަމަށާއި ޒުވާނުންނަށް ގޯތި ދޫކުރުމުގައި ކައުންސިލުން ހަރުދަނާގޮތެެއްގައި މަސައްކަތް ނުކުރާ ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނީ ސަރުކާރުން މާމިގިއްޔަށް ގެންނަ ތަރައްގީއަށް އެއްބާރުލުން ދިނުމަށް ކައުންސިލަށް ގޮވާލާ ކަމަށެވެ.