21 Jan 2018, 11:45
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިދިޔަ އަހަރު އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތައްކަމަށް، ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އޭސީސީން ނެރުނު މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 69 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ. އެއީ 2016 ވަނަ އަހަރުގެ އެ މުއްދަތުގައި ރަޖިސްޓްރީ ކުރެވުނު ޕްރޮކިއުމަންޓާ ގުޅޭ 98 މައްސަލަ އަށްވުރެ 29.5 ޕަސެންޓް ދަށް އަދަދެކެވެ.
ވަޒީފާއާގުޅޭ 37 މައްސަލައެއް 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ވަޒީފާއާ ގުޅޭ 34 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށް އެ ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ބިމާއި ރަށްތަކާ ގުޅޭ ޖުމްލަ 30 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 46 މައްސަލައެއް 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.