ޖަރުމަނުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބޯޓު އަދި ވޯޓާސްޕޯޓްސްގެ އެންމެ ބޮޑު ފެއާ "ބޫޓް" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެ ފެއާގައި ރާއްޖޭން އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ ޚާލިދެވެ.

ޖަރުމަނުގެ ޑަސެލްޑޯފްގައި އެ ފެއާ ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެ ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހަތް ކުންފުންޏަކުން 15 އޮފިޝަލަކު ބައިވެރިވެއެވެ.

ބޫޓް ފެއާގައި ރާއްޖޭއިން 21 އަކަ މީޓަރުގެ ސަރަހައްދެއްގައި، ކަނޑު އަޑީގެ ރީތިކަން ދައްކާލާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 60 އަށް ވުރެ ގިނަ ގައުމުތަކުން 1،800 އަށްވުރެ ގިނަ އެގްޒެބިޓަރުންނާއެކު ކުރިއަށްގެންދާ އެ ފެއާ އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަފަރާތްތަކެއް ބައްދަލުވާ އެއްތަނެވެ.