21 Jan 2018, 11:10
ލަވަކިޔުންތެރިޔާ އެޑް ޝީރަން އެންގޭޖްވެއްޖެއެވެ.
"ތިންކިން އައުޓް ލައުޑް"ގެ ލަވަކިޔުންތެރިޔާ އެންގޭޖްވިކަން އިއުލާނުކޮށްފައިވަނީ އިއްޔެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކާއެކު އެވެ.
އެޑް ޝީރަން އެންގޭޖްވީ އޭނާގެ ކުޑައިރުގެ އެކުވެރިޔާ ޗެރީ ސީބޯން އާއެވެ. އެދެމީހުންނަކީ ކުޑައިރުއްސުރެ އެކުވެރިން ނަމަވެސް ލޯބިވެރިންގެ ގޮތުގައި ގުޅުނީ 2015 ވަނަ އަހަރުއެވެ.
މިދިޔަ އަހަރަކީ އެޑް ޝީރަންއަށް ކާމިޔާބު އަހަރެކެވެ. އޭނާގެ އަލްބަމް ޑިވައިޑްއަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު މަގުބޫލު ސީރީޒް، ގޭމް އޮފް ތްރޯންސް އިންވެސް އެޑް ޝީރަންގެ ފެނިލުމެއް ފެނިގެން ދިޔައެވެ.
ނަމަވެސް އޭނާގެ ފޭނުން އެކަމާ އެހާ ހިތްހަމައެއް ނުޖެހުނެވެ. ފޭނުންގެ ނުރުހުމުގެ ބަސްތަކާއެކު ދުވަސްކޮޅަކަށް އެޑް ޝީރަންވަނީ އޭނާގެ ޓްވިޓާވެސް ޑީއެކްޓިވޭޓް ކޮށްފައެވެ.
މަސްދަރު: ސީއެންއެން