21 Jan 2018, 11:51
އިސްލާމް އާބާދު(ޖަނަވަރީ 21): އެމެރިކާގެ މާލީ އެހީގައި ހިންގާ ޕާކިސްތާނުގެ ރޭޑިޔޯ ސްޓޭޝަނެއް ޕާކިސްތާން ސަރުކާރުން ބަންދުކޮށްފިއެވެ.
އެ ތަން ބަންދުކުރުމަށްފަހު ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މަޝާލް ނެޓްވާކު"ގެ ނަމުން ނަންދީފައިވާ އެ ރޭޑިޔޯ ސްޓޭޝަން ބަންދުކުރީ ޕާކިސްތާނުގެ އެތެރޭގައި ހަމަނުޖެހުން ހިންގުމަށް މަގުފަހިވާފަދަ ޕްރޮގްރާމްތަކާއި ޚަބަރުތަކާއި މާއްދާތައް އެ ސްޓޭޝަނުން ފޮނުވަމުން ގެންދާތީ ކަމުގައެވެ. މީގެއިތުރުން އެ ސްޓޭޝަންގެ ސަބަބުން ޕާކިސްތާނުގެ ގައުމީ ސަލާމަތާއި ގައުމީ މަސްލަހަތަށްވެސް ގެއްލުން ފޯރާކަމަށާ އެސްޓޭޝަނުން ފޮނުވާ މާއްދާތަކަކީ ޕާކިސްތާނުގެ ދުޝްމަނުންގެ އެޖެންޑާ ތަންފީޒުކުރުމަށް މަގުފަހިކޮށްދޭ މާއްދާތަކެއް ކަމަށްވެސް ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާން ބުނެއެވެ.
"މަޝާލް ނެޓްވާކު" ރޭޑިޔޯ ސްޓޭޝަންއަކީ ޕާކިސްތާނުގައި ވަރަށް ފުޅާދާއިރާއެއްގައި ސައްބީސް ބަހުން ބްރޯޑްކާސްޓްކުރާ ސްޓޭޝަނެކެވެ. ޕާކިސްތާނުގެ އެކި ޕްރޮވިންސްތަކުގައި އެސްޓޭޝަންގެ ފަންސަވީސް މުރާސިލުންނާއި ސަތޭކަ ފަންސާހަށްވުރެ ގިނަ އިދާރީ މީހުން މަސައްކަތް ކުރެއެވެ. އެސްޓޭޝަނުން ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތައް ކަމަށްވާ ބަލޫޗިސްތާނަށް އަމާޒުކުރާ ޚާއްސަ ޕްރޮގްރާމްތަކެއްވެސް ފޮނުވައެވެ. މިއީ ހަރުކަށި އަމަލުތަކަށް ހިއްވަރު ލިބޭފަދަ ޕްރޮގްރާމްތަކެއް ކަމަށް ޕާކިސްތާން ސަރުކާރުން ތުހުމަތު ކުރެއެވެ.
ޕާކިސްތާނުގެ "މަޝާލް ނެޓްވާކު" ރޭޑިޔޯ ސްޓޭޝަންގެ މައި ހަބު ހުންނަނީ ދުނިޔޭގެ ކަންކޮޅުތަކަށް އެމެރިކާގެ އަމިއްލަ އެދުމާ ގުޅިފައިވާ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމުގައި އެމެރިކާއަށް އެހީތެރިވެދޭ ގައުމެއް ކަމަށްވާ ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައެވެ. މިއީ ރޭޑިޔޯ ފްރީ ޔޫރަޕާއި ރޭޑިޔޯ ލިބަޓީ އާ ވެސް ގުޅިގެން ހިންގާ ވަރުގަދަ ރޭޑިޔޯ ނެޓްވާކެކެވެ. ރޭޑިޔޯ ފްރީ ޔޫރަޕާއި ރޭޑިޔޯ ލިބަޓީ އަކީ އީރާނާއި އިސްލާމީ އެހެންގައުމުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެގައުމުތަކުގެ ރައްޔިތުން ސަރުކާރުތަކާ ދެކޮޅަށް ނެރެ ހަމަނުޖެހުންތައް އުފައްދައި މަސްރަހް ހަލަބޮލިކުރުމަށް ސީސީއައިއޭ އަޑީގައި އޮވެގެން އެމެރިކާގެ އަމިއްލަ ސިޔާސީ އެދުންތައް ޙާސިލްކުރުމަށް ހިންގާ ޕްރޮޕަގެންޑާތައް ފެތުރުމުގައި ރެއާ ދުވާލު މަސައްކަތްކުރާ ނަންހުތުރު ދެ ސްޓޭޝަނެވެ.
ޕާކިސްތާނުގެ ދާޚިލިއްޔާއިން އެ ސްޓޭޝަން ބަންދުކުރީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެދުމަކަށް ކަމަށް ޚަބަރުތައް ބުނެއެވެ. އެ ސްޓޭޝަނުން ފޮނުވާ ޕްރޮގްރާމްތައް ޕާކިސްތާނުގެ އެތެރޭގައި ހަމަނުޖެހުން ހިންގުމަށް މަގުފަހިވާގޮތަށް ހުންނަކަން އެގައުމުގެ ޖާސޫސީ އިދާރާއިންވަނީ ފާހަގަކޮށްފައެވެ.
އެމެރިކާގެ ފަންޑްގައި ހިންގާ މި ސްޓޭޝަން ޕާކިސްތާނުން ބަންދުކޮށްފައި މިވަނީ ޕާކިސްތާނާއި އެމެރިކާގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި ޕާކިސްތާނާ ދެމެދު ޖެހިފައިވާ މައްސަލައާ ގުޅިގެން ޕާކިސްތާނަށް ދޭ އަސްކަރީ އެހީ އެމެރިކާއިން ކަނޑާލާފައިވާއިރު ޕާކިސްތާނުންވަނީ އެމެރިކާއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން ހުއްޓާލާފައެވެ. އަދި އަމަނާބެހޭ ކަންކަމުގައި އެމެރިކާއަށް އެއްބާރުލުން ދިނުންވެސް ހުއްޓާލާފައެވެ. (ނޫސްއެޖެންސީތައް)