16 Aug 2011, 12:09
ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގެ ހަތަރު ވަނަ ބުރީގައި ހުރި ސާމާނު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
އެ ހާދިސާ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއްލިބިފައިއެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ ރޯޝަނީމަގުގައި ހުރި ހ. އަވިދޭގޭގެ ހަތަރު ވަނަ ބުރީގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު އެ ފަރާތަށް ލިބިފައި ވަނީ މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް ކަމަށެވެ.
އެއް ކޮޓަރިއަށްވާ ގޮތަށް ހަދާފައި ހުރި އެ އެޕާޓްމަންޓްގައި ހުރި ބަދިގޭގެ ސަމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސިފައިން ބުނީ އެގޭގެ ތިރީބައިގައި ހުރި އެ ޕާޓްމަންޓްތަކަށް ފެނުގެ އަސަރު ކުރުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އަލިފާން ރޯވެފައި ވަނީ އެ ގޭގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކު ރޮށިފިހަން ހުއްޓާ ކަމަށެވެ. އަދި އެވަގުތު އެގޭގައި ތިބީ އެ އަންހެން މީހާގެ އިތުރުން ކުޑަ ކުއްޖެއް ކަމަށް ވެސް އެމީހާ ބުންޏެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނީ އަލިފާން ރޯވާން ދިމާވީ ސީދާ ސަބަބު ނޭނގޭ ކަމަށާއި ފުލުހުންގެ ފޮރެންސިކް ޓީމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވި ވަގުތު އެގޭ ތެރޭގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކްވާން ފެށުމުން ސިފައިން ވަނީ ނެރެފަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގޭސް ފުޅީއާ ގުޅުމެއް ވާކަމަކަށް ސިފައިން ނުބުނެ އެވެ.
-----------
12:39 އަލިފާން ރޯވި ގެއިން ގޭސްފުޅިއެއް ނެރެފި އެވެ. ލަފާކުރެވެނީ ގޭސްލީކުވެ، އަލިފާން ރޯވި ކަމަށެވެ.
12:28 އެގޭގައި އަލިފާން ރޯވީކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެ ގޭގައި ހުރި މީހަކު ބުނީ އަވިދޭގޭގައި އަލިފާން ރޯވީ ބިދޭސީ މީހަކު ރޮށިފިހަން އުނދުން ރޯކުރުމުގެ ތެރޭގައި ކަމަށެވެ.
12:23 ހެންވޭރު ގޭގައި ރޯވި އަލިފާން ނިއްވާލައިފި އެވެ. ހ. އަވިދޭގޭގެ ހަތަރު ވަނަ ފަންގިފިލާގައި ރޯވި އަލިފާން ނިއްވާލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުންނާއި ފުލުހުން ގުޅިގެންނެވެ.
12:12
ހެންވޭރު ގެއެއްގައި މިއަދު ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ވަރަށް ބޮޑަށް ކަމަށް މަޢޫލޫމާތު ލިބޭ ކަމަށެވެ.
އެ ސަރަހައްދުގައި ފަޔަރުން ހަރަކާތް ތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ ރޯޝަނީ މަގުގައި ހުރި ގެއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.