22 Jan 2018, 10:04
ވޮޝިންގްޓަން (21 ޖެނުއަރީ): ބަޖެޓު ފާސްނުކުރެވުމުގެ ސަބަބުން އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތަސް އެމެރިކާ ސަރުކާރުން ކުރަމުންދާ ހަނގުރާމަތައް ކުރިއަށްދާނެ ކަމަށް އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސިފައިންނާ މުހާތަބު ކުރައްވައި މައިކް ވިދާޅުވީ ބަޖެޓު ފާސްނުވިޔަސް އެކަން ސަރުކާރުން ހައްލުކުރާނެ ކަމަށާއި އަދި އެމެރިކާއިން ކުރިއަށް ގެންދާ ހަނގުރާމައިގެ "މިޝަން" ތަކުގައި ސާބިތުވެ ތިބުމަށެވެ.
އެމެރިކާގެ ސިފައިން މިހާރުވެސް ދަނީ ސީރިއާގައި ހަރަކާތްތެރިވަމުންނެވެ.
އެމެރިކާ ސިފައިން އެމީހުން ޑިއުޓީއަށް ނިކުތް ކަމުގައި ވިޔަސް އެމެރިކާއިން ބަޖެޓު ފާސްވަންދެން އެމީހުންނަށް މުސާރައެއް ނުލިބޭނެއެވެ.
މައިކް ވަނީ ބަޖެޓު ފާސްނުވި މައްސަލައިގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ.
"މިގައުމުގެ ސިފައިން އެދަނީ ހަ މަސް ދުވަހަށް ކުވޭތަށް. މިއީ ގައުމަށް އެމީހުން ކޮށްދޭ ވަރަށް އަގުހުރި ހިދުމަތެއް. އެހެންނަމަވެސް ސެނެޓުގައި ތިބި ޑިމޮކްރެޓުންގެ ސަބަބުން އެމީހުން އެތިބީ މުސާރައާ މެދު ކަންބޮޑުވެފައި،" މައިކް ވިދާޅުވިއެވެ.
އެމެރިކާގެ ސަރުކާރުގެ ގިނަ އޮފީސްތައް ބަންދުކޮށްފައި ވިޔަސް، ގައުމީ ސަލާމަތާ ރައްޔިތުންނަށް ކޮންމެހެން ހިދުމަތް ފޯރުކޮށްދޭން ޖެހޭ ތަންތަން ބަންދުކޮށްފައެއް ނުވެއެވެ.
ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުން މިހާތަނަށް ވަނީ ތިން ފަހަރު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން 2013 ވަނަ އަހަރު އެމެރިކާގެ ސަރުކާރު 16 ދުވަސް ވަންދެން ބަންދުކުރި އިރު، 800،000 އެއްހާ ސަރުކާރު މުވައްޒަފުން ދުވަސްކޮޅަކަށް ގޭގައި މަޑުކުރުމަށް އެންގިއެވެ.
މަސްދަރު: އާރުޓީ