އައި ފޯނަށް ލޯބިކުރާމީހުން އެ ފޯނު ގަންނަނީ ފޯނުގެ އަގުބޮޑުކަމުން ކަމެއް ނޫނީ އޭގެ މޮޅުކަމުން ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އައިފޯނުތަކަށް މިހާރަކަށް އައިސް މައްސަލަތައް ކުރިމަތިވާކަމެވެ. އެއް މައްސަލައެއް ހައްލު ނުކޮށް އުޅެނިކޮށް އަނެއް މައްސަލައެވެ.

މިހާރު އައިފޯނުތަކަށް ދިމާވާ މައްސަލައަކީ ޓެކްސްޓް މެސެޖަކާއެކު ފޯނު ނިވޭ މައްސަލައެވެ. މިއަށް ދީފައިވާ ނަމަކީ "ޓެކްސްޓް ބޮމް" އެވެ.

މީގައި ދިމާވާ މައްސަލައަކީ އައިފޯނަށް އަންނަ ޓެކްސްޓް މެސެޖެއް އައުމާއެކު އެ މެސެޖް ހުޅުވާލާއިރަށް ފޯނު ކްރޭޝްވެ، ނިވެނީއެވެ. އެ މެސެޖުގައި ލިންކެއް އިންނަ ކަމަށާއި ލިންކަށް ފިތާ ނުލަނީސް އެ މައްސަލަ ކުރިމަތިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެއާއެކު އެޕަލްގެ ބްރައުޒާ ސަފާރީވެސް ވަރަށް ބޮޑަށް ސްލޯވެ ބެޓެރީ ހުސްވާ މައްސަލަވެސް ދިމާވާކަމަށްވެއެވެ.

ސެކިއުރިޓީ ރިސާޗަރ އަބްރަހަމް މަސްރީ ބުނީ އެ މައްސަލަ އެޕަލްއަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ ފަރާތުން އަދި ބަހެއް ނުލިބޭ ކަމަށެވެ.

އަބްރަހަމް ވަނީ އެ މައްސަލަ ޓްވިޓާގައި ހިއްސާކޮށްފައެވެ.

ފާއިތުވި ދެތިން މަސް ތެރޭ އައިފޯނުތަކަށް އެކި މައްސަލަ ދިމާވެ އައިފޯނު ބޭނުންކުރާ މީހުންގެ ނުރުހުން އެޕަލް ކުންފުންޏަށް ވަނީ އަމާޒުވެފައެވެ. އޭގެ ފަހުން އެޕަލްގެ މެކް ބުކް ތަކަށާއި ޑެސްކްޓޮޕް ތަކަށްވެސް ބަގެއްގެ މައްސަލަ ދިމާވެފައިވެއެވެ.

މެސެޖަކާއެކު އައިފޯނު ސްލޯވާ މައްސަލަ 2015 ވަނަ އަހަރުވެސް ކުރިމަތިވިއެވެ.

މަސްދަރު: ޓެލެގްރާފް