އަންކާރާ (21 ޖެނުއަރީ): ސީރިއާގެ ޢަފްރީންގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން މިދިޔަ ހުކުރު ދުވަހު ވައިގެ ހަމަލާތައް ފަށައިފައިވާއިރު، މިއަދު އެއްގަމުމަގުން ހަމަލާތައް ދޭން ފަށާނެކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވެއްޖެއެވެ.

ބިނާލީ ވިދާޅުވީ، ކުރުދީންނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގެ ފުރަތަމަ ފޭސްގައި ކުރުދީންގެ ވަރަށް ގިނަ އަމާޒުތައް ހަލާކުކޮށްލައިފއިވާ ކަމަށެވެ.

ތުރުކީގެ ދޮގާން ނިއުސްއިން ވަނީ އެގައުމުގެ ސިފައިން އެއްގަމު މަގުން ސީރީއާއަށް ވަދެގަތުމަށް ބަރު ހަތިޔާރާއެކު ސީރިއާގެ ބޯޑަރުތައް ކައިރިއަށް ޖަމާވަމުން މަންޒަރުތަކެއް ދައްކައިފައެވެ.

ތުރުކީން ސީރިއާއަށް އަރައިގަތަސް މިއީ ސީރިއާ ބައިބައިކޮށްލުމަށް ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ބިނާލީ ވިދާޅުވިއެވެ.

" މިއޮޕަރޭޝަނުގެ މަގްސަދަކީ ސީރިއާގައި ދިރިއުޅޭ ތުރުކަމަން ނަސްލުގެ މީހުން ޓެރެރިސްޓުންގެ ކިބައިން ސަލާމަތްކުރުން،" ބިނާލީ ވިދާޅުވިއެވެ.

ތުރުކަމަން ނަސްލަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. އެމީހުން ވާހަކަ ދައްކާ ބަސްވެސް ތުރުކީބަހާ ވަރަށް އެއްގޮތެވެ.

ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ތުރުކީގައި ހަރަކާތްތެރިވާ ކުރުދީންގެ ޕީކޭކޭ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް އެ ގައުމުން ބުނެއެވެ. ކުރުދީން ދަނީ ތުރުކީގައި ވެސް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަ ކުރަމުންނެވެ.

މަސްދަރު: އާރުޓީ