21 Jan 2018, 17:00
އަންނަ ބަހާރު މޫސުމުގައި ޕްރިންސް ހެރީ އާއި ލޯބިވެރިޔާ މޭގަން މާކަލްގެ ކައިވެނި ކުރާނެ ކަމަށް އިއުލާނުކޮށްފައިވާ އިރު މޭގަން މާކަލްގެ ކައިވެނީގެ ހެދުން ފަރުމާ ކުރާ ޑިޒައިނަރު މިވަނީ މިހާރު އިއުލާންކޮށްފައެވެ.
ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މޭގަންގެ ހެދުން ފަރުމާ ކުރަން ހަމަޖެހިފައިވަނީ އޭނާގެ ސްޓައިލިސްޓެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކެނެޑާގެ މަޝްހޫރު ޑިޒައިނަރު ޖެސިކާ މުލްރޯނީ އެވެ.
ހެދުން ފަރުމާ ކުރާނެ ގޮތަކާ މެދު ދެ ފަރާތުގެ އާއިލާ އިން ވެސް މިހާރު މަޝްވަރާކޮށް ހެދުމުގެ ޑިޒައިން ފައިނަލް ކޮށްފައިވާ ކަމަށާއި ކައިވެނި ޕާޓީއަށް ބޭނުން ކުރާ ހެދުމަކީ އާދައިގެ ހެދުމެއް ކަމަށާއި އެ ހެދުން ގޮތް ބޮޑު ސްޓައިލަކަށް ފަރުމާ ނުކުރާނެކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.
ކައިވެނީގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު ޕްރިންސް ހެރީ،33، އާއި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކަލް،36، ގެ ކައިވެނި އަންނަ މެއި 19ގައި ކުރުމަށް ހަމަޖެހފައިވާ ކަމަށް ކެންސިންޓަން ޕެލެސް އިން ބުނެ އެވެ.
ޕްރިންސް ހެރީގެ ކައިވެނި މެއި 19 އަށް ތާވަލް ކޮށްފައިވާ އިރު އެ ދެބޭފުޅުން ކައިވެނި ކުރައްވާނީ ސެއިންޓް ޖޯޖުގެވިންޑްސާ ކާސްލްގައެވެ. ކައިވެންޏަށް ފަހު ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅުއްވާނީ ކެންސިންޓަން ޕެލެސްގައި ހުންނަ ނޮޓިންހަމް ކޮޓެޖްގައެވެ.
ކައިވެނީގެ ހަފްލާއިން ގިނަ އަދަދަކަށް މަޝްހޫރު މީހުން ފެނިގެންދާއިރު އޭގެ ތެރެއިން ބައެއް މޫނުތަކަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، އޭނާގެ އަންހެނުން މިޝޭލް، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި އިނގިރޭސިވިލާތުގެ ހުނަރުވެރި ލަވަކިޔުންތެރިޔާ އެޑް ޝީރަން އެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ މަޝްހޫރުން މޫނުތައް އެ ޕާޓި އިން ފެނިގެންދާނެކަމަށް ބެލެވެއެވެ.
ކައިވެނީގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޝާހީ އާއިލާގެ ފަރާތުންނެވެ.
މައުލޫމާތު:ކޮސްމޮޕޮލިޓަން