21 Jan 2018, 09:02
އަނޫރާގް ޑައިރެކްޓްކުރާ ފިލްމު "މަންމަރްޒިޔާން"ގެ ކާސްޓުން ފައިނަލް ކުރުމަށްފަހު އެ ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފިއެވެ.
އެ ފިލްމު ކުރިން ޑައިރެކްޓް ކުރަން ހަމަޖެހުނީ ސަމީރް ޝަރުމާ އެވެ. ނަމަވެސް ދިމާވި ބައެއް އަމިއްލަ ސަބަބުތަކަކާ ހުރެ ފިލްމު ދޫކޮށްލުމުން ފިލްމާ ހަވާލުވީ އަނޫރްގާ އެވެ. އެއާއެކު ފިލްމުގެ ކާސްޓުންނަށް ބަދަލުތަކެއް އައިސްފައިވެއެވެ.
އާނަންދް އެލް ރާއީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ތަރިންނަކީ ވިކީ ކައުޝަލް، އަބީޝެކް ބައްޗަން އަދި "ޖުޅްވާ 2" އިން ގިނަ ބައެއްގެ ލޯބި ހޯދި ތާޕްސީ ޕަންނޫއެވެ.
އަނޫރްގާ ބުނީ ފިލްމުގެ ކާސްޓުންނާ މެދު ފުރިހަމަ އިތުބާރެއް އެބައޮތް ކަމަށާއި ފިލްމު ބެލުންތެރިންނަށް ކަމުދާނެހެން ތައްޔާރު ކުރާނެ ކަމަށެވެ.
ފިލްމު ރިލީޒްކުރާ ވަކި ތާރިހެއް އަދި އިއުލާންކޮށްފައި ނުވާއިރު ފިލްމުގެ ޓީމުން ބުނީ އަހަރުގެ ފަހުކޮޅު ފިލްމު ރިލީޒްކުރެވިގެން ދާނެކަމަށެވެ. އެ ފިލްމަކީ ރީތި ލޯބީގެ ފިލްމެކެވެ.
މަސްދަރު: އެންޑީީޓީވީ، ބޮލީވުޑް ހެލްޕްލައިން.ކޮމް