އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ މެންޗެސްޓާ ސިޓީއަށް ކުޅުނު ފުރަތަމަ މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ގެ މޮޅުކަން ދައްކާލައިފި އެވެ.

މެންސިޓީގެ އަމިއްލަ ދަނޑުގައި ސްވަންސީއާ ބައްދަލުކުރި މެޗް ސިޓީއިން ކާމިޔާބުކުރީ 4-0 ންނެވެ.
ތިރީސް އަށް މިލިޔަން ޕައުންޑަށް މެންސިޓީއާ ގުޅުނު އަގުއެރޯ ދަނޑަށް ނުކުމެފައި ވަނީ ދެ ވަނަ ހާފްގައި އެޑިން ޒެކޯ ސްވަންސީގެ ގޯލް ހުޅުވައިދިންތާ ދެމިނެޓް ފަހުންނެވެ. އަގުއެރޯ ކުޅެން ނުކުތުމާ އެކު މެންސިޓީގެ ފޯވާޑް ލައިނުން ސްވަންސީގެ ގޯލަށް އިތުރަށް ނުރައްކާކުރުމުގެ ނަތިޖާއަކަށް ވެގެންދިޔައީ އަގުއެރޯގެ ދެ ލަނޑާއި އިތުރު ލަނޑެއް ޖަހައިދިނުމަށް އެހީތެރިވެދީފައިވެ އެވެ.

އަގުއެރޯއަކީ މިދިޔަ ސީޒަންގައި މެންސިޓީގައި އާއިލާއާ އެކު މަޑުކުރެވެން ނެތްކަމަށް ބުނި ކާލޮސް ޓެވޭޒްގެ ބަދަލުގައި ސްކޮޑަށް ގެނައި ކުޅުންތެރިއެކެވެ. ކޮމިއުނިޓީ ޝީލްޑް މެޗްގައި ވެސް ފިޓްނަސް މައްސަލަތަކާ ހެދި ބެންޗްގައި ބޭންދި އަގުއެރޯވަނީ މި މެޗްގައި ބެންޗް ބޭންދިނަމަވެސް ޕްރެމިއާ ލީގުގެ ފުރަތަމަ މެޗްގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ފިޓްނަސް ހުރިވަރު ސާބިތުކޮށްދީފަ އެވެ.

މިމެޗް ފެށުނީއްސުރެ ފައިދާ ހުރި މޮޅު ކުޅުމެއްދައްކަމުންއައި ޔަޔާ ޓޫރޭއާއި ޑޭވިޑް ސިލްވާއާއި އެއްވަރަށް ދެވަނަ ހާފްގައި އެކަނިވެސް އަގުއެރޯގެ މޮޅު ކުޅުން ދައްކާފައިވެ އެވެ. މެދުތެރޭގައި އިސްދައުރެއް އަދާކުރި ޓޫރޭއަށް ފުރަތަމަ ހާފް އަދި ދެ ވަނަ ހާފްގައި ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ.

މިމެޗްގެ ފުރަތަމަ ހާފް 0-0 ން ނިމިފައިވީ ސްވަންސީއާއި އަލަށް ގުޅުނު ކީޕަރު މައިކެލް ވޯމްއާއި ގޯލްގެ ދަނޑީގެ ސަބަބުންނެވެ. މެންސިޓީ އުފެއްދި ހަމަލާތަކުގެތެރެއިން ތިން ހަމަލާއެއް ދަނޑިއާއި އަމާޒުވެފައިވެ އެވެ. މެންސިޓީއިން ޖެހި ހަތަރު ލަނޑުވެސް ފެނިފައިވަނީ މެޗްގެ ދެވަނަ ހާފްގެ ތެރޭގަ އެވެ.

މެޗްގެ 57 ވަނަ މިނެޓްގައި އެޑިން ޒެކޯ ފުރަތަމަ ލަނޑު ޖެހިއިރު އަގުއެރޯ ކުޅެން ނުކުތްތާ އަށް މިނެޓްތެރޭ އޭނާގެ ފުރަތަމަ ލަނޑު މެންސިޓީއަށް ކާމިޔާބުކޮށްދިނެވެ. އަގުއެރޯ އަތުން ބޭރުވާންދިޔަ ބޯޅައެއް ސަލާމަތްކޮށް ސިލްވާއަށް ދިން ބޯޅަ އޭނާވަނީ މެޗްގެ 71 ވަނަ މިނެޓްގައި ގޯލްގެތެރެއަށް ވައްދާލާފަ އެވެ. އަގުއެރޯވަނީ އިތުރު ލަނޑެއްޖަހައި މެންސިޓީ އިން ދަމަހައްޓަމުންއައި ލީޑް ހަތަރު ލަނޑަށް ހަދާފައެވެ.