21 Jan 2018, 08:58
އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުންވެސް މޮޅުވެއްޖެއެވެ.
އިނގިރޭސި ލީގުގެ އެއްވަނައިގައި އޮތް ސިޓީ މޮޅުވީ ނިއުކާސަލްއާ ދެކޮޅަށް ކުޅެއެވެ. ޔުނައިޓެޑުން ރަށުން ބޭރުގައި ބާންލީ ބަލިކުރިއިރު ޗެލްސީވަނީ ފަސޭހަ ކަމާއެކު ރަށުން ބޭރުގައި ބްރައިޓަން ބަލިކޮށްފައެވެ.

ޗެލްސީއާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން ޗެލްސީގެ ހަޒާޑް ބޯޅައާއެކު ކުރިއަށްދަނީ --- ފޮޓޯ/ އޭޕީ
ޗެލްސީން ރަށުން ބޭރުގައި ބްރައިޓަން ބަލިކޮށްފައިވަނީ 4-0ގެ ނަތީޖާއަކުންނެވެ. ޗެލްސީން އިއްޔެގެ މެޗަށް ނުކުތީ އާއްމުކޮށް ފުރަތަމަ 11 އަށް ކުޅޭ ބައެއް ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ފޯވާޑް އަލްވާރޯ މޮރާޓާގެ ބަދަލުގައި ބަޓްޝުއާއީ ފެނުނުއިރު، އާއްމުކޮށް ޗެލްސީގެ ގޯލް ބަލަހައްޓާ ތިބޯ ކޯޓުއާގެ ބަދަލުގައި މެޗަށް ނުކުތީ ވިލީ ކަބަލޭރޯއެވެ. މޮރާޓާ އަދި ކޯޓުއާވެސް ހުރީ އަނިޔާގައެވެ.
ޗެލްސީން ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރިއިރު މެޗުގައި އެޑިން ހަޒާޑްވަނީ ދެ ގޯލް ޖަހާފައެވެ. ހަޒާޑްގެ އިތުރުން ޗެލްސީގެ ގޯލްތައް ޖަހައިދިނީ ވިލިއަމް އަދި ވިކްޓާ މޮސެސްއެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މާޝިއަލްއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ގޯލް ޖެހުމަށްފަހު މާޝިއަލް އުފާފާޅުކުރަނީ --- ފޮޓޯ/ އެޕީ
ސިޓީން ރޭގެ މެޗުގައި ނިއުކާސަލްއާ ވާދަކޮށް މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ސިޓީންވަނީ 34 ވަނަ މިނެޓުގައި ގޯލް ޖަހާފައެވެ. އެޓީމަށް ގޯލް ޖަހައިދިނީ މެޗުގައި ހެޓްރިކް ހެދި ސާޖިއޯ އަގުއޭރޯއެވެ.
މެޗުގައި އަގުއޭރޯ ޖެހި ދެވަނަ ގޯލަކީ ދެވަނަ ހާފްގައި ސިޓީއަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ތިންވަނަ ގޯލްޖަހައި އަގުއޭރޯ ހެޓްރިކް ކާމިޔާބުކުރީ 83 ވަނަ މިނެޓުގައެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މާފީއެވެ.

ރޭގެ ސިޓީ މެޗުގައި ހެޓްރިކް ހެދި ސާޖިއޯ އަގުއޭރޯ --- ފޮޓޯ/ އޭޕީ
މި ނަތީޖާތަކާއެކު އިނގިރޭސި ލީގު ތާވަލަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެއްވަނައިގައި 65 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި ޔުނައިޓެޑް އޮތީ 53 ޕޮއިންޓާއެކުގައެވެ. ޗެލްސީ ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުން މޮޅުވެ ޗެލްސީވަނީ ވަގުތީ ގޮތުން ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެ ރޭ ލިވަޕޫލްއާއި ހަޑަލްސްފީލްޑް ޓައުން ވާދަކުރާ މެޗު ލިވަޕޫލުން ހަތަރު ގޯލަށްވުރެ ގިނަ ގޯލްގެ ތަފާތަކުން ކާމިޔާބުކޮށްފިނަމަ އެޓީމު ތިންވަނައަށް ޖެހިލާނެއެވެ.