21 Jan 2018, 09:42
އޭއެފްސީ ޕްލިރިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި މިމަހު 23 ވަނަ ދުވަހު ނުކުންނައިރު ޓީމާ ދޭތެރޭ ފުރިހަމައަށް ޔަގީންކަން އެބައޮތްކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ވޭތުވެދިޔަ ސީޒަންގައި ހުރިހާ މުބާރާތެއްގެވެސް ރަނަރަޕް ހޯދި ޓީސީއަށް މިއީ އޭއެފްސީ ކަޕުގެ ފުރަތަމަ ތަޖުރިބާއެވެ.
ޓީމު ފުރުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ޓީސީ ނުކުންނާނީ މެޗުން މޮޅުވާން ކަމަށާއި ފަރިތަކުރުމަށް ލިބުނު ވަގުތުކޮޅު ކުޑަ ނަމަވެސް ޓީމަށް ފުރިހަމައަށް އިތުރުބާރު އެބައޮތް ކަމަށެވެ.
ޓީސީ ޓީމު ބަންގާޅަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ޓީސީ މަސައްކަތް ކުރާނީ މެޗުން މޮޅުވާން، ލިބުނު ވަގުތުކޮޅު ވަރަށް ކުޑަ، އެހެން ނަމަވެސް ނުކުންނާނީ މޮޅުވާން. ހަމައެކަނި ބޭރުގެ ސްޓްރައިކަރާއެކު ފަރިތަކުރުންތައް މަދުވީ، ކުރިންވެސް ހުރި ޑިފެންޑަރު ހުންނާނީ. ދެން ކީޕަރާއި މިޑްފީލްޑަރު ވަރަށް ފިޓް ޓީމަށް. ހާއްސަކޮށް މިޑްފީލްޑަރަކީ ޓީމުގެ ވައްޓަފާޅިއަށް ކުޅޭ ކުޅުންތެރިއެއް،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ބޮޑެތި ކުލަބުތައް ފަހަށް ޖައްސާލައި ޓީސީ ފަދަ ޅަ ކްލަބަކަށް އޭއެފްސީ ކަޕުގައި ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ޓީމާ ދޭތެރޭ ފަހުރުވެރިވާ ކަމަށެވެ.
"ޓީސީއަށް ލިބިފައި މިއޮތީ ވަރަށް ބޮޑު ފުރުސަތެއް. ޓީސީއަށް ލިބުނު ކާމިޔާބީއަކީ މުޅި ޓީމުން އެކައްޗެއް ގޮތުގައި ހޯދި ކާމިޔާބީއެއް. އެހެން ނަމަވެސް ވިސްނާނީ މިހާ ހިސާބުން ނިންމާލާކަށް ނޫން، ގްރޫޕް ސްޓޭޖަށްވެސް ގޮސް ވީހާވެސް ދުރަށްސާން ވިސްނާނީ،" ނިޒާމްބެ ބުންޏެވެ.
ޓީސީ ޓީމު ބަންގާޅަށް ފުރުމުގެ ތެރެއިން އަލަށް ގުޅުނު ބެލަރޫސް ކީޕަރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނިޒާމްބެ ބުނީ ޓީމަށް އަލަށް ގުޅުނު ބިދޭސީ ފޯވާޑް އަނިޔާގެ ސަބަބުން ޓީސީއާއެކު ބަންގާޅަށް ނުދާނެ ކަމަށާއި، އިއްޔެގެ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މިމެޗަށް މިޑްފީލްޑަރު މުހައްމަދު އައްޒާމްވެސް ނުފެނިދާނެ ކަމަށެވެ.
ބިދޭސީ ފޯވާޑަށް މެޗުގައި ނުކުޅެވުނު ނަމަވެސް، ދިވެހި ސްޓްރައިކަރުން އޭނާ ނެތްތަން ފޫބައްދާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ. ނިޒާމްބެ ބުނީ ޓީސީގެ ކުރިއަށް ކުޅޭ، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ އިތުރުން އަލަށް އެޓީމާ ގުޅުނު އިޝާން އިބްރާހީމް (ސައްޓު) އަދި އިބްރާހީމް އާރީފް (އާރީ) އަކީވެސް ވޭތުވެދިޔަ ދިވެހި ޕްރިމިއާލީގުގައި އެންމެ ފާހަގަކޮށްލެވުނު ފޯވާޑުން ކަމަށެވެ.
ޓީސީ ޓީމު ބަންގާޅަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޓީސީއާއި ސައިފް އެސްސީ ވާދަކުރާ ފުރަތަމަ ލެގު ކުޅޭނީ މިމަހު 23 ވަނަ ދުވަހު ބަންގާޅުގެ ޑަކާގައެވެ. ދެވަނަ ލެގު މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.