މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ކ. މާފުށީ ޖަލުގައި ތަންފީޒްކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިރޭ "ސަން" އަށް ވިދާޅުވީ މަރުވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ހ. ރެދަން އުމުރުން 30 އަހަރުގެ އަހުމަދު އިރުޝާދުކަމަށެވެ.

އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށް، މާފުށީ ސިއްހީ މަރުކަޒާ ހަވާލާދީ ލުގްމާން ވިދާޅުވިއެވެ.

އިރުޝާދަށް 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ. ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ކުށުގައި 25 އަހަރަށް ޖަލަށްލުމުގެ އިތުރުން އިރުޝާދު ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.