20 Jan 2018, 22:17
އާބާދީގައި ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ލ. ދަނބިދޫއިން ކަރަންޓް ކަނޑިފައިވާތާ ގިނައިރުތަކެއް ވެއްޖެއެވެ.
ދަނބިދޫން ކަރަންޓު ކެނޑިފައި ވަނީ މިއަދު މެންދުރު 12 ޖަހާކަންހާ އިރުއެވެ.
ދަނބިދޫ ކައުންސިލްގެ ރައީސް ހުސައިން އަޝްރަފް ވިދާޅުވީ، އެރަށަށް ކަރަންޓު ކެނޑުނީ މެންދުރު ކަމަށާއި އަދިވެސް ކަރަންޓް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރަށް ހުއްޓުމަކަށް އައިސްފައިވާ ކަަމަށެވެ.
އަޝްރަފް ވިދާޅުވީ، ކަރަންޓު ދެވޭނެ ކަމަށް ބެލެވެނީ މިރޭ 12 ޖަހާއިރު ކަމަށާއި އޭގެ ކުރިންވެސް ކަރަންޓު ދެވޭތޯ އިންޖީނުގެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ދަނބިދޫއިން ކަރަންޓް ކެނޑުނީ، އެ ރަށުގައި ބޭނުން ކުރާ އިންޖީނަށް މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ.
ދަނބިދޫ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުންނެވެ. މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.