ޓެކްސް ނިޒާމަށް އާންމުން އަހުލުވެރިކުރުވުމުގެ ގޮތުން އެމްޑީޕީން ކެމްޕޭން ކުރާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ. އެގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރޮވިންސް ރައީސުންގެ ބައްދަލުވުމެއްގަ އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެކެމްޕޭންގައި މާލޭގެ އިތުރުން ރަށްރަށުގައި ދޮރުން ދޮރަށް ހިނގާނެ ކަމަށެވެ. އަދި އެކެމްޕޭންގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާއަށް ތާއީދުކޮށް، އެ ހަރަކާތަކަށް އާންމު ރައްޔިތުންގެ ތާއީދު ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކެމްޕޭންގެ ހަރަކާތްތައް ބޮޑަށް އަމާޒްކޮށްފައި ވަނީ އަތޮޅުތަކުގެ ރަށްރަށުގައި، އެގޮތުން އެމްޑީޕީގެ ކައުންސިލަރުންނާއި މެންބަރުން އާއްމުންނަށް ޓެކްސްއާ ބެހޭ ގޮތުން ހޭލުން ތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީގެ އިދާރީ ހިންގުން ލާމަރުކަޒީ ކުރުމަށް އެ ޕާޓީގެ ޕްރޮވިންސް ސެކްރެޓޭރިއަޓްގެ އޮފީސްތައް ގާއިމްކުރުމަށް ވެސް އެމްޑީޕީގެ އެބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.