20 Jan 2018, 20:36
އިތުރު ކޯޓު އަމުރަކާ އެކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަން އައިލެންޑް ރިސޯޓުގައި ހުރި ރާފުޅިތައް ކަސްޓަމްސް ގެ ދޯންޏަށް ބަރުކުރަން ފަށައިފިއެވެ.
ފަން އައިލެންޑް ރިސޯޓްގެ މެނޭޖަރު އިސްމާއިލް ނަސީރު "ސަން"އަށް ދެންމެ ވިދާޅުވީ އެ ރިސޯޓުގައި ހުރި ރާފުޅިތަކުގެ ތެރެއިން ބައެއް މިހާރު ކަސްޓަމްސް ގެ ދޯންޏަކަށް އެރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަސީރު ވިދާޅުވީ އެ މަސައްކަތުގައި ކަސްޓަމްސްގެ 37 އޮފިސަރަކާއި ހަތް ފުލުހަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގާސިމްގެ ހަތަރު ރިސޯޓެއް މީގެ ކުރިންވެސް ކަސްޓަމްސްއާއި ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެއީ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑާއި، ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.
ފަން އައިލެންޑުން 'ސަން'އަށް ބުނީ މިވަގުތު ފުލުހުން އެ ރިސޯޓަށް އަރައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
"އިތުރު ކޯޓު އަމުރަކާ އެކު ފުލުހުންނާ ކަސްޓަމްސްއިން ހަރަކާތްތެރި ވަނީ. އަމުރުގައި އޮތީ ބަލާ ފާސްކުރަން. އެއްޗެހި ގެންދާކަަށް ނެތް. ކޯޓު އަމުރުގައި އޮތް ގޮތަށް އަޅުގަނޑުމެން އެއްބާރުލުން ދޭނަން،" ފަން އައިލެންޑުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކަސްޓަމްސްގެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަނަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ.
"ކަސްޓަމްސްގެ ފަރާތުން ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިފައިވާތީ މި އޮޕަރޭޝަނުގެ ސެކިއުރިޓީގެ ކަންތައްތައް ފުލުހުން ދަނީ ބަލަހައްޓައިދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ވިލާ ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑާއި، ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާ އޫރުމަސް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކުންފުނީގެ މުދާ ހިފެހެއްޓުމުގެ ކޯޓު އަމުރެއްނެތި، މިކުންފުނިން ހިންގާ އެއްވެސް ރިޒޯޓަކަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން އަރައި، މިކުންފުނީގެ މުދާ ގަދަ ބާރުން ގެންދިއުމަށް ކުރާ އެއްވެސް މަސައްކަތަކަށް މިކުންފުނީގެ ފަރާތުން އެއްބާރުލުން ނުދޭނެކަމުގައި ދަންނަވަން،" ވިލާ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.