20 Jan 2018, 20:58
ގާހިރާ(20 ޖެނުއަރި): މާޗު މަހު މިސްރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަަށް ވާދަކުރައްވާނެކަން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިއުލާންކުރައްވައިފިއެވެ.
މިސްރުގައި އިންތިހާބު ބޭއްވުވަށް ހަމަޖެހިފައިވަނީ މާޗް 26-28 އާ ދެމެދުއެވެ. އިންތިހާބުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުން ޖެނުއަރީ 29ގެ ކުރިން މިސްރުގެ ނޭޝަނަލް އިލެކްޝަންސް އޮޓޯރިޓީއަށް ނަން ހުށަހަޅަން ޖެހެއެވެ.
ހުސްނީ މުބާރިކްގެ ވެރިކަން ވެއްޓުމަށްފަހު މިސްރުގައި އިންތިހާބްވި ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ވެރިކަން ސީސީ ވަނީ ބަޣާވަތަކުން ވައްޓަލައިފައެވެ. އެއަށްފަހު 2014 ވަނަ އަހަރު މިސްރުގައި ބޭއްވި އިންތިހާބުގައި ސީސީ ވަނީ ވާދަކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ.
އިންތިހާބުގައި ސީސީ ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައިވާއިރު، ކުރިން އިންތިހާބުގައި ވާދަކުރާނެކަމަށް ވިދާޅުވި އެހެން ދެ ކެންޑިޑޭޓެއް ކަމަށްވާ މުހައްމަދު އަންވަރު ސާދާތު އަދި މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.
ސީސީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު މިސްރުގައި ދަނީ ހުދުމުހުތާރު ވެރިކަމެއް ކުރަމުންނެވެ. ހާއްސަކޮށް މިސްރުގެ މުސްލިމް ބުރަދުހުޑް ޖަމާއަތުގެ މެމްބަރުން ޖަލަށްލައި އަނިޔާތައް ދެމުންދާތީ ސީސީއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.
މަސްދަރު:ޕްރެސްޓީވީ